05 Jan 2015, 16:18
ސަރުކާރުގެ ހައުސިން ޕްރޮޖެކްޓުގެ ދަށުން ޓީވީ ކޮށީގައި އިމާރާތްކުރަން ފެށި ތިން ފްލެޓު ބަރީގެ ތެރެއިން ދެ ފްލެޓު ބަރީގެ މަސައްކަތް ނިމިއްޖެ އެވެ.
ކޮންމެ ފްލެޓުބަރިއެއްގައި ނުވަ 'ފްލޯ' ހިނެނޭގޮތަށް ޓީވީ ކޮށީގައި އިމާރާތްކުރަން ފަށާފައިވާ ތިން ފްލެޓު ބަރީގެ ތެރެއިން ނިމިފައި ވަނީ އެފްޑަބްލިއު ކޮންސްޓްރަކްޝަނާ ހަވާލު ކުރި ފްލެޓު ބަރިތަކެވެ.
އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިގް ޑިރެކްޓަރު އިބްރާހީމް ވަހީދު މިއަދު 'ސަން' އަށް ވިދާޅުވީ، ފްލެޓު ބަރީގައި ލިފްޓު ހަރުކުރުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ސަބް ކޮންޓްރެކްޓަރު ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓީވީ ކޮށީގައި 36 ފްލެޓު އިމާރާތް ކުރުމަށް އެފްޑަބްލިއު ކޮންސްޓްރަކްޝަނާ ހަވާލުކުރީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ފެށީ 2012 ވަނަ އަހަރުގެ މާޗް 10 ވަނަ ދުވަހު އެވެ.
އިބްރާހީމް ވަހީދު ވިދާޅުވިގޮތުގައި ކަނޑައެޅިފައިވާ މުއްދަތުގައި ފްލެޓުގެ މަސައްކަތް ނިންމާނުލެވުނީ ފައިނޭންސްކަންތައް ހަމަޖެހުން ލަސްވެގެންނެވެ.

އޭނާ ވިދާޅުވީ، ލިފްޓުގެ މަސައްކަތް ނިމޭތާ ތިން ދުވަހުގެ ތެރޭގައި ސަރުކާރާ ހަވާލުކުރަންޖެހޭ 30 ޕަސެންޓް ފްލެޓު ހަވާލުކުރާނެ ކަމަށެވެ. އަދި އެކުންފުނިން ވިއްކަން ހަމަޖެހިފައިވާ ފްލެޓުތައް މިހާރު ވިއްކައި ނިމިފައިވާ ކަމަށް ވެސް އިބްރާހީމް ވަހީދު ވިދާޅުވި އެވެ.
މުޅި ޕްރޮޖެކްޓަށް 75 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހަރަދުކޮށްގެން އިމާރާތްކޮށްފައިވާ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެއް ހިމެނޭ ފްލެޓު އިމާރާތުގެ ހުރިހާ ކޮމަންއޭރިއާތަކުގައި ވަނީ ސީސީޓީވީ ކެމެރާ ހަރުކޮށްފައެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ވެސް އެކްސެސް ކޮންޓްރޯލެއް ހަރުކޮށްފައިވާއިރު ފަޔާ އެލާމްސް ސިސްޓަމް ވެސް ވަނީ ހަރުކޮށްފަ އެވެ.

އޭނާ ވިދާޅުވީ، އާފްޓާސޭލް ސާވިސް ދިނުމަށް ވެސް އެ ކުންފުނިން ނިންމާފައިވާ ކަމަށާއި އެކަން ކުރުމަށް ހަމަޖައްސާފައިވާ ގޮތަކީ ފްލެޓު ގަނެފައިވާ ފަރާތްތަކުގެ މެދުގައި ކުރެވޭ ކޯޕަރޭޓް ސޮސައިޓީއެއް ރަޖިސްޓްރީ ކުރުމަށްފަހު، އައްޔަން ކުރެވޭ ބޯޑަކުން ކަމަށެވެ. އަދި އެކަން ހަމަޖެހެންދެން އާފްޓާސޭލްސާވިސް ދޭނީ އެ ކުންފުނިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.