އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ކަންތައްތަކުގައި އެހީތެރިވުމުގެ ގޮތުން ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. އަދި ކުއްލިއްޔާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެތަނުގެ ރެކްޓަރު ޑރ. އިބްރާހިމް ޒަކަރީޔާ މޫސާ އެވެ.

އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށަށް ބޭނުންވާ އިމާމުންނާއި ކަށުކަމާކެމީގެ މީހުންގެ އިތުރުން ދީނީ އެކިކަހަލަ ފޮތްތައް ތަރުޖަމާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ބައެއް ހަރަކާތްތަކުގައި ކުއްލިއްޔާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުން ވެސް އިސްލާމީ ވަހުދަތު ހިމާޔަތްކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ކުރަމުން ގެންދާ ކަންތައްތަކުގައި އެއްބާރުލުމާއި އެހީތެރިކަން ދިނުމާއި ރާއްޖޭގެ ދީނީ އިލްމުވެރިންގެ މެދުގައި ގާތްކަން އުފެއްދުމުގެ ގޮތުން ބާއްވާ ވޯކްޝޮޕްތަކާއި މަހާސިންތާތަކުގައި އިލްމީ ގޮތުން ކުއްލިއްޔާއިން އެހީތެރިވާނެ އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ޝަހްޝިއްޔަތު ދެމެހެއްޓުމަށްޓަކައި ވަރަށް މަތިވެރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އިލްމީ މަރުކަޒު، ކުއްލިއްޔާއާ އެކު މިއަދު ވި އެ އެއްބަސްވުމަކީ އެޅިގެންދިޔަ ވަރަށް ރަނގަޅު ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން ކުއްލިއްޔާއަށް މަޝްރޫއުތައް ހަވާލުކޮށްގެން ކުރިއަށް ގެންދާނެ. އޭރުން އިލްމީ ގޮތުން ބުރަދަނެއް ހުންނާނެ، މުއައްސަސާއަކުން އެކަންތައްތަކުރީމަ. އެހެންކަމުން ފޮތްތައް ތަރުޖަމާ ކުރުންފަދަ ކަންތައްތަކާއި އެކަންތައްތަކަށް ދާ ހަރަދު އިސްލާމިކް މިނިސްޓްރީން ހަމަޖައްސާނެ،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތްތަނުގައި އިސްލާމީ ދާއިރާގައި މުހިއްމު ކުރިއެރުންތަކެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކުއްލިއްޔާގެ ރެކްޓަރު ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، މިއަދަކީ ކުއްލިއްޔާގެ ހަޔާތުގައި ފާހަގަކޮށްލެވޭ ދުވަހެއް ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީއަށް އެހީތެރިވުމަށް އިލްމީ ގާބިލްކަމާއި ތަނަވަސްކަން ކުއްލިއްޔާގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްބަސްވުމުގެ ސަބަބުން ކުއްލިއްޔާއަށް ވެސް ފައިދާތަކެއް ކުރާނެ. އިލްމީ ގޮތުންނާއި އަދި މާއްދީ ގޮތުން ވެސް. އަދި މީގެ ކުރިން ނުރަސްމީ ގޮތުން ކުރަމުން އަންނަ ކަންތައް ރަސްމީ ސިފައެއްގައި ކުރެވިގެންދާނެ،" ކުއްލިއްޔާގެ ރެކްޓަރު ވިދާޅުވި އެވެ.