05 Jan 2015, 15:05
އިންޑޮނޭޝިޔާގެ ސުރަބާޔާ ސިޓީ އިން ފުރައިގެން ސިންގަޕޫރަށް ދަތުރު ކުރަނިކޮށް ޖާވާ ކަނޑަށް ވެއްޓުނު އެއާ އޭޝިޔާ މަތިންދާ ބޯޓުގެ ފްލައިޓް ޑާޓާ ރެކޯޑާސް ނޫނީ ކަޅުފޮށި ހޯދުމުގެ މަސައްކަތް، މޫސުމް ރަނގަޅުވުމުން އަލުން ފައްޓައިފި އެވެ.
އިންޑޮނޭޝިޔާގެ ސުރަބާޔާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރު ކުރަނިކޮށް، ކިޔޫޒެޑް8501 ރާޑަރުން ގެއްލުނީ މިދިޔަ މަހު 28 ގަ އެވެ.
މީހުން ހޯދުމަށް މަސައްކަތް ކުރާ ޓީމުން މިހާތަނަށް ވަނީ 34 މީހެއްގެ ހަށިގަނޑު ހޯދައިފަ އެވެ. ބާކީ ތިބި މީހުން ވާނީ ބޯޓުގައި ކަމަށް ވަނީ ބެލެވިފަ އެވެ.
މޫސުން ތަން ނުދިނުމުގެ ސަބަބުން ކަނޑު އަޑިން ފެނުނު ބޯޓުގެ "ބަޔާ" ހަމަ އަށް އަދި ވަނީ ދެވޭ ގޮތް ނުވެފަ އެވެ.
އިންޑޮނޭޝިޔާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ އިން މިއަދު ބޫނީ ސޯނާ އިކްވިޕްމަންޓް ކަނޑަށް ފޮނުވައިގެން ބޯޓު އޮތް ތަނާއި އެއީ ވެއްޓުނު ބޯޓުކަން ކަށަވަރުވެފައި ވިޔަސް، މޫސުން ތަން ނުދިނުމުގެ ސަބަބުން ޑައިވަރުންނަށް ބޯޓާ ހަމައަށް ވާސިލުވެވިފައި ނުވާ ކަމަށެެވެ.
އެތައް ބޯޓަކާއި މަތިންދާ ބޯޓެއް އަންނަނީ އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުންނެވެ.
ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ ހަތަރު އެތިގަނޑު ނޫނީ ޑެބްރީސް ވަނީ ހޮނިހިރު ދުވަހު ފެނިފަ އެވެ. އެ އޭގެ އެއް ޑެބްރީސްގެ ސައިޒު 18 މީޓަރު ދިގު (59 ފޫޓު( އަދި ފުޅާ މިން 4.5 މީޓަރުވަރުވެ އެވެ. އެ ޑެބްރީސް ފެނިފައި ވަނީ ކަނޑުގެ 30 މީޓަރު ނޫނީ 100 ވަރަކަށް ފޫޓު އަޑިންނެވެ.
ފަސް ވަނަ އެތިގަނޑެއް ވެސް އިއްޔެ ކަނޑުގެ ބިމުން ވަނީ ފެނިފަ އެވެ. އެ ބައިގެ ބޮޑުމިނުގައި 9.8 މީޓަރު ދިގު އަދި 1.1 މީޓަރު ފުޅާ މިން ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެއީ އެއާ އޭޝިޔާ ބޯޓުގެ ބައިތަކެއް ކަން އަދި ވަނީ ކަށަވަރު ނުކުރެވި އެވެ.
ބޯޓުގެ ބައިތައް ފެނުނު ސަރަހައްދަށް، މީހުން ހޯދުމަށް ވަނީ އިންޑޮނޭޝިޔާ އާއި ރަޝިޔާގެ ޑައިވަރުން ފޮނުވައިފަ އެވެ. އަދި އެ މީހުން ވަނީ ކަނޑު އަޑީގެ ބިންގަނޑުން ބޮޑު ބައެއް އިއްޔެ ބަލައިފަ އެވެ. ނަމަވެސް މޫސުން ގޯސްވެ، އަޑިފެންނަ ވަރު ދަށްވުމުން ކަނޑު އަޑީގެ ބިންގަނޑު އެއްވެސް ވަރަކަށް ނުފެންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިމޯޓުން މަސައްކަތް ކުރާ ކެމެރާ ފޮނުވައިގެން އަޑިން ފެނުނު ބޯޓުގެ ބައިތަކުގެ ފޮޓޯ ނެގުމަށް ވެސް ވަނީ މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ރާޅު ހުރީ 16 ފޫޓުގައި ކަމަށާއި އޮއި ގަދަ ކަމުން މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
ބޯޓުގެ ޕައިލެޓް އެންމެ ފަހުން ޓަވަރާ ވާހަކަ ދެއްކި އިރު، ބޯޓު އުދުހުނީ 32،000 ފޫޓު މަތީންނެވެ. އޭރު ޕައިލެޓް އެދުނީ މޫސުން ތަން ނުދޭތީ ބޯޓު 38،000 ފޫޓު މައްޗަަށް ޖެއްސުމަށެވެ.
އިންޑޮނޭޝިޔާގެ މޫސުމާ ބެހޭ އިދާރާ، ބީއެމްކޭޖީ އިން ހޮނިހިރު ދުވަހު ބުނީ އެދުވަހު ވައިގެ ތެތްކަން ޖައްވުގައި ހުރީ ބޯޓުގެ އިންޖީނު ހުޓޭ ފަދަ މިންވަރެއްގައި ކަމަށެވެ.
އެއާ އޭޝިޔާގެ ބޯޓު ވެއްޓުނު އާދިއްތަ ދުވަހަކީ، ސުރަބާޔާ އާއި ސިންގަޕޫރާ ދޭތެރޭ އެ އެއާލައިންގެ ބޯޓުތައް އުދުހުން މަނާ ދުވަހެކެވެ. އެ އާލައިންނަށް އެ ދޭތެރޭގައި އުދުހުމަށް ހުއްދަ އޮންނަނީ ހަފުތާއަކު ހަތަރު ދުވަހު އެވެ. ނަމަވެސް ސިންގަޕޫރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ބުނީ ސިންގަޕޫރަށް، ސުރަބާޔާ އިން އެއާލައިންގެ ބޯޓުތައް އުދުހުމުގެ ހުއްދަ ހަފްތާގެ ހަތް ދުވަހު ވެސް އޮންނަ ކަމަށެވެ.
ވެއްޓުނު ބޯޓުގެ ތަހްގީގުތައް ނިމެންދެން އެއާ އޭޝިޔާގެ ބޯޓްތައް ސުރަބަޔާ ސްޓޭޓާއި ސިންގަޕޫރާ ދެމެދު އުދުހުން ވަނީ އިންޑޮނޭޝިޔާ އިން މަނާކޮށްފަ އެވެ. މިހާތަނަށް އެފަދަ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ އަދި އާ ބޯޓްތަކެއް އޮޕަރޭޓް ކުރާ އޭއާ އޭޝިޔާ ކުންފުނިން ބުނީ އޮތޯރަޓީގެ ނިންމުމަށް ފުރިހަމައަށް ބޯލަނބާނެ ކަމަށެވެ.
އެ ބޯޓުން ދަތުރު ކުރީ 137 ބޮޑެތި މީހުންނާއި 17 ކުޑަ ކުދިންނާއި ދެ ޕައިލެޓުންނާއި ފަސް ފަޅުވެރިންނެވެ. ބޯޓުން ދަތުރު ކުރި ގިނަ މީހުންނަކީ އިންޑޮނޭޝިޔާގެ ރައްޔިތުންނެވެ.