މަސްވެރިކަމާއި ދަނޑުވެރިކަމުގެ ތަފާތު ބާވަތްތައް ބޭނުންކޮށްގެން އުފައްދާ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ދޫކުރަން ނިންމާފައިވާ 8.6 މިލިއަން ރުފިޔާގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމެންޓް (އީފާޑް) ގެދަށުން ދޫކުރާ އެފަދަ ފުރަތަމަ ލޯނަށް އެދުމުގެ ފުރުސަތު މިއަދުންފެށިގެން މިމަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.

"މިއީ މިސާލަކަށް އަނބު ބޭނުންކޮށްގެން އަސާރަ ހެދުން ނުވަތަ މަސް ޕެކް ކުރުން ފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ދޫކުރާ ލޯނެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެ ލޯނަށް އެދުމަށް ހުށަހަޅަންޖެހޭ ލިޔުމާއި ފޯމް ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުންނާއި ބީއެމްއެލްގެ ބުރާޗްތަކުން ލިބެން ހުންނާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ޖުމުލަ 8.6 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާއިރު ލޯނުދޭ ކޮންމެ ފަރާތަކަށް 25،000 ރުފިޔާއާއި 4 ލައްކަ ރުފިޔާއާ ދޭތެރޭ އަދަދެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ. ލޯން ދޫކުރާނީ ކިތައް ފަރާތަށް ކަން ކަނޑައަޅާނީ ލޯނަށް އެދޭ ފަރާތްތަކުގެ އަދަދަށް ބަލައިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްމިރުހާއި އަސާރަ ފަދަ ތަކެތި ހެދުމާއި ވިއްކުމަކީ ރާއްޖޭގައި ގިނަ އަދަދެއްގެ ބަޔަކު ކޮށް އުޅޭ ވިޔަފާރިއެކެވެ. ނަމަވެސް އެ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް ފައިސާގެ ދަތިކަން އެފަރާތްތަކަށް ވަނީ ކުރިމަތިވެފައެވެ.