ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ސަޕްލައިފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަމުން ދާ ކަމަށް އެ މަރުކަޒުން ބުނެފި އެވެ.

ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ، ގުރައިދޫ ފެން ޕްލާންޓް މަރާމާތު ކުރުމުގެ މަސައްކަތް ނިމެންދެން، އެ މަރުކަޒަށް ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައި ވާނެ ކަމަށެވެ.

ގުރައިދޫ ފެން ޕްލާންޓް މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އެމްޑަބުލިއެސްސީ އާ ހަވާލުކޮށްފަ އެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އޮފިޝަލް މިއަދު ވިދާޅުވީ، ފެން ޕްލާންޓް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާ ކަމަށާއި، މިހާރު އެ މަސައްކަތުގެ ބޮޑުބައި ނިމިފައި ވާ ކަމަށެވެ.

"ބައެއް މައްސަލަތަށް ދިމާވެ ފެން ޕްލާންޓް މަރާމާތު ކުރުމުގެ މަސައްކަތް ލަސްވީ. އެކަމަކު މިހާރު އެ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ. ވަރަށް ބޮޑު ބައި ނިމިއްޖެ،" އޮފިޝަލް ވިދާޅުވި އެވެ.

ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން އިއްޔެ ކޮށްފައި ވާ އިއުލާނުގައި ބުނެފައި ވަނީ އެ މަރުކަޒަށް ސަޕްލައިފެން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 14 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށެވެ.

އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި ބައިވެރި ވެވޭނީ މައުލޫމާތު ސާފު ކުރާން އެ މިނިސްޓްރީއަށް ދާ ފަރާތްތަކަށް ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ.