05 Jan 2015, 13:49
ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އަރަބި ބަސް ކިޔަވައިދިނުމަށް މީހުން ތަމްރީން ކުރުުމުގެ ޕްރޮގްރާމެއް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.
އިސްލާމިކް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) އާއި ނޭޝަނަލް ކޮމިޝަން ފޯ ޔުނެސްކޯ އާ ގުޅިގެން ކުރިއަށް ގެންދާ އެ ތަމްރީން ޕްރޮގްރާމުގައި އަތޮޅު ތެރޭގެ 10 މީހުންނާ އެކު ޖުމްލަ 28 މީހުން ބައިވެރިވެފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަދުން ފެށިގެން ހަތަރު ދުވަހުގެ ނިޔަލަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ޕްރޮގްރާމްގެ ކުލާސްތައް ނަންގަވައިދެއްވާނީ އިސެސްކޯގެ ބޭފުޅުންނެވެ.
އެ ތަމްރީން ޕްރޮގްރާމް ފެށުމަށް މިއަދު ހެނދުނު އެންއައިއީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ތައުލީމާ ބެހޭ ވަޒީރު ޑރ. އާއިޝާތު ޝިހާމް ވިދާޅުވީ، ފުރިހަމަ މުސްލިމަކަށް ވުމަށްޓަކާ އަރަބި ބަސް އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އަރަބި ބަހުން ލިޔަން ކިޔަން ދަސްކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކާމިޔާބު މުޖުތަމައެއް ބިނާ ކުރުމަށްޓަކައި ރަނގަޅު އާދަތައް އަށަގެންފައިވާ، ހެޔޮ ގޮތް އެނގޭ އަދި ރީތި އަހުލާގެއްގެވެރި ކުދިން އުފެއްދުން ކޮންމެހެން މުހިންމު ކަމެއް. އަރަބި ބަހުން ލިޔަން ކިޔަން ދަސްކޮށްދިނުން ވެގެން ދާނީ އެޅޭ ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށް،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އިސެސްކޯގެ ފަރާތުން ވާހަކަފުޅުދައްކަވަމުން އެ އޯގަނައިޒޭޝަންގެ ރިޕްރެޒެންޓޭޓިވް އާދިލް ބުރާއި ވިދާޅުވީ، މުސްލިމް ޖަމާއަތަށް މިހާރު ކުރިމަތި ވެފައި ގޮންޖެހުންތަކުން ސަލާމަތް ވުމަށް ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފަން ދަސްކުރަން ޖެހޭ ކަމަށެވެ.