މާފުށީގައި ހިންގާ ގެސްޓް ހައުސްއަކަށް ބަޔަކު ވަދެ މާރާމާރީ ހިންގައިފި އެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް، އެ ރަށުން ސަން އަށް ވާހަކަ ދެއްކި މީހަކު ބުނީ ބަޔަކު ވަދެ މާރާމާރީ ހިންގާފައި ވަނީ އެ ރަށު "ކާނިވިލެޖަށް" ވަދެ ކަމަށެވެ.

ރޭ ހިނގި އެ މާރާމާރީގެ ސީސީޓީވީ ވީޑިއޯއެއް ވެސް ވަނީ ޔޫޓިއުބަށް އަޕްލޯޑްކޮށްފަ އެވެ. އެ ފުޓޭޖުން ފެންނަ ގޮތުން ރޭ 8:30ގައި ތިން މީހަކު ގެސްޓް ހައުސް ތެރެއަށް ވަދެ ގެސްޓް ހައުސް ތެރޭގައި ހުރި މީހެއްގެ ގަޔަށް އަތްލައި ތަޅައި އޭނާގެ ބޮލުގައި ޖަހައި އަދި އޭނާގެ ގަމީސް ވީދާލާތަން ފެނެ އެވެ.

ސަން އަށް މައުލޫމާތު ދެމުން މާފުށީ މީހަކު މިއަދު ބުނީ، ރޭ މާރާމާރީ ހިންގާފައި ވަނީ އެ ގެސްޓް ހައުސްގައި މަސައްކަތްކުރާ ފުވައްމުލަކު މީހަކާ ކަމަށެވެ. އަދި ރޭ މާރާމާރީ ހިންގި އިރު ގެސްޓް ހައުސް ތެރޭގައި ޓޫރިސްޓުން ވެސް ތިބި ކަމަށެވެ.

"ރޭ ކާނިވިލޭޖަށް ވަދެ މާރާމާރީ ހިންގާފައި ވަނީ މި ރަށުގައި ހިންގާ ސަމާވިލާ ގެސްޓްހައުސްގެ ވެރިން. އެމީހުން މާރާމާރީ ހިންގި ކަމަށް ވަނީ މިރަށު ވާގަލި ކިޔާ ޕިކްނިކު އައިލެންޑަށް ގެސްޓުން ގެންދިޔުމުގެ މައްސަލާގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ރުޅިއައިސްގެން،" ސަން އަށް މައުލޫމާތު ދިން މާފުށި މީހާ ބުންޏެވެ.

އެ މައްސަލާގައި އެ ރަށު ކައުންސިލުން ވެސް އަދި ސަމާވިލާ ގެސްޓް ހައުސް އިން ވެސް ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރޭ އިރާކޮޅު މާފުށީ ގެސްޓް ހައުސް އަކަށްވަދެ ބަޔަކު މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ބަޔަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެ އެވެ.