އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، މެންޗެސްޓާ ޔުނައިޓަޑާއި މެންޗެސްޓާ ސިޓީ، ޗެލްސީ އަދި ޗެމްޕިއަން އާސެނަލް ވެސް އެ މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރު ކޮށްފި އެވެ.

އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެންޕިއަން އާސެނަލް އެ މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ހަލް ސިޓީ އާ އެވެ. އެ މެޗު އާސެނަލް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް އެ ޓީމަށް މެޗުގެ ލީޑް ހޯދަދިނީ މެޗުގެ 20 ވަނަ މިނެޓުގައި ޕާ މާޓެސެކާ އެވެ.

މެޗުގައި އާސެނަލް ކާމިޔާބު ކުރި ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 82 ވަނަ މިނެޓުގައި އެ ޓީމްގެ އެލެކްސިސް ސަންޗޭޒް އެވެ. ރޭގެ މެޗުގައި އާސެނަލްއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ޓީމަށް ވަނީއެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފޭގޮތް ނުވެފައެވެ.

އެފްއޭ ކަޕްގައި ރޭ ޗެލްސީ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ ވޮޓްފޯޑާ ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު، އެ ހާފްގައި ދެ ޓީމުންކުރެ އެއް ޓީމަށްވެސް ވަނީ ލަނޑެއް ކާމިޔަބު ކުރެވޭގޮތް ނުވެފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދީ އެ ޓީމަށް ލީޑު ހޯދަދިނީ 58 ވަނަ މިނެޓުގައި އެ ޓީމްގެ ވިލިއަން އެވެ. އެ ލަނޑާއެކު ޗެލްސީން އިތުރު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައި ވާއިރު، އެ ޓީމްގެ މަސައްކަތަށް ކާމިޔާބީ ލިބުނީ މެޗުގެ 70 ވަނަ މިނެޓުގައި އެ ޓީމްގެ ލޮއިކް ރެމީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އޭގެ ދެ މިނެޓު ފަހުން ޗެލްސީ އެ ޓީމްގެ ތިންވަނަ ލަނޑުވެސް ކާމިޔާބު ކުރިއިރު، އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކާޓް ޒޫމާ އެވެ.

އެ މުބާރާތުގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި ޝެފީލްޑް ވެނިސްޑޭ އާ ބައްދަލުކޮށް، އެ ޓީމްގެ މައްޗަށް ސިޓީ ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ 14 ވަނަ މިނެޓުގައި ޝެފީލްޑްގެ ނުހިއޫ އެ ޓީމަށް ކާމިޔާބުކޮށްދިން މެޗުގެ ފުރަތަމަ ލަނޑާއެކު ޝެފީލްޑް ވަނީ މެޗުގައި ލީޑް ނަގާފައެވެ. ޝެފީލްޑުގެ ލަނޑާއެކު ސިޓީ ކުޅުން ރަނގަޅު ކުރިނަމަވެސް، މެޗުގެ ފުރަތަމަ ހާފްގައި އެ ޓީމަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.

މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެ ޓީމަށް ހަމަހަމަ ކޮށްދިނީ 66 ވަނަ މިނެޓުގައި އެ ޓީމްގެ ޖޭމްސް މިލްނާ އެވެ. ދެވަނަ ހާފްގައި ދެ ޓީމްވެސް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑު ސިޓީއަށް ލިބުނީ ދެވަނަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި އެ ޓީމްގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި މިލްނާ އެވެ.

އެފްއޭ ކަޕްގައި ރޭ ޔުނައިޓަޑް ކުޅުނު މެޗު އެ ޓީމް ކަމިޔާބު ކުރީ ޔިއޮވިލް ޓައުންއާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުނެވެ. އެ މެޗުގެ ފުރަތަމަ ހާފްގައި ޔުނައިޓަޑުން ރަނގަޅު ކުޅުމެއް ދައްކާ ފުރުސަތުތަކެއް އުފެއްދި ނަމަވެސް، ފުރަތަމަ ހާފަގައި ދެ ޓީމަށްވެސް ވަނީ ލަނޑެއް ކާމިޔާބު ކުރެވެގޮތް ނުވެފައެވެ.

އެ މެޗުގައި ޔުނައިޓަޑްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގައި އެ ޓީމަށް ލީޑު ހޯދުނީ ދެވަނަ ހާފްގައެވެ. މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމްގެ އެންޑްރޭ ހެރޭރާ އެވެ. ޔުނައިޓަޑުން މެޗުގައި ކާމިޔާބު ކުރި ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކުރެވުނީ މެޗުގެ ދެވަނަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު ރޭގެ މެޗުގެ ދެވަނަ ހާފްގައި ކުޅެން އެރި އެ ޓީމްގެ ޑި މާރިއާ އެވެ.