05 Jan 2015, 13:17
ސްރީލަންކާގައި އަންނަ ބުރާސްފަތި ދުވަހު ބާއްވާ އިންތިހާބުގައި ތަމަޅައިން ވޯޓުލުމަށް ސަރުކާރުން ހުރަސްއަޅާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެ އިންތިހާބުގެ ކަންތައްތައް ބެލުމަށް ގޮސް ތިބި ބައިނަލްއަގުވާމީ އޮބްޒާވަރުން ބުނެފި އެވެ.
އެކި ގައުމުތަކުން 50 މެމްބަރުން ހިމެނޭ އޮބްޒާވަރުންގެ ޕެނަލުން ނޫސްވެރިންނާ ވާހަކަ ދައްކަމުން އިއްޔެ ބުނި ކަމަށް އޭއެފްޕީ ބުނީ ކުރިން ހަނގުރާމަ ހިނގި ސަރަހައްދުތަކުގައި އުޅޭ ތަމަޅައިން ވޯޓުލުމުގެ ޝައުޤުވެރިކަން ގެއްލުވައި ލުމަށް ސިފައިން 400 މަގުބަންދު ގާއިމް ކޮށްފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
"... އިދިކޮޅު މީހުން ބުނާ ގޮތުގައި މަގުބަންދު ތަކުގެ ބޭނުމަކީ ވޯޓުލާމީހުން އަޔަ ނުދިނުން. އެކަމަކު ސަރުކާރުން ބުނާ ގޮތުގައި މި އިންތިހާބުގައި އަސްކަރިއްޔާގެ އެއްވެސް ދައުރެއް ނޯންނާނެ،" އޮބްޒާވަރުންގެ ޕެނަލްގެ ލީޑަރަކަށް ހުންނެވި އެސްވައި ގްރައިޝީ ވިދާޅުވި ކަމަށް އޭއެފްޕީ ބުންޏެވެ.
އޭނާ ވިދާޅުވެފައި ވަނީ އިންތިހާބުގެ މިނިވަންކަން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން ލަންކާ ފުލުހުން ދީފައިވާ ކަމަށެވެ. އަދި އެމީހުންގެ ބަހަށް މިވަގުތަށް އިތުބާރު ކުރައްވާ ކަމަށެވެ.
ގްރައިޝީ އަދި ވިދާޅުވެފައި ވަނީ އިންތިހާބަށް ކެމްޕޭން ކުރުމަށް ބާއްވާ އެއްވުންތައް ދުށުމަށް އިންތިހާބީ 22 ދާއިރާއަށް އޮބްޒާވަރުން މިއަދު ޒިޔާރަތްކުރަން ފަށާނެ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ނުވަ ގަޑިއިރަށް ދެމިގެންދާ ވޯޓުލުމުގެ ކަންތައް ބެލުމަށް ވޯޓްލާ މަރުކަޒުތަކުގައި ވެސް އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށެވެ.