ރާއްޖޭގެ ގައުމީ ޓީމްތަކަށް ކުޅޭ ކުޅުންތެރިންނަށް މުސާރަ ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދޭތީ އެކަމަށް ޝުކުރު އަދާކޮށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް ކޮށްފައިވާ ޓްވީޓަކާއި ގުޅިގެން 'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ، ތަފާތު 12 އެސޯސިއޭޝަންގެ 23 ގައުމީ ސްކޮޑެއްގައި ހަރަކާތްތެރިވާ ކުޅުންތެރިންނަށް މަހު މުސާރައެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

"މިކަމަކީ ރައީސްގެ އިސްނެންގެވުމުގެ މަތިން ކުރައްވާކަމެއް. މިކަމުގެ ސަބަބުން ކުޅިވަރުތަކުގައި އަމަލީކޮށް ހަރަކާތްތެރިވާ ޒުވާނުންނަށް ހިތްވަރެއް ލިބިގެންދާނެ،" މުއާޒު ވިދާޅުވި އެވެ.

ކުޅުންތެރިންގެ މުސާރައިގެ ތަފްސީލާ ގުޅޭގޮތުން ސުވާލުކުރުމުން މުއާޒު ވިދާޅުވީ، ވަރަށް އަވަހަށް އެކަން އިއުލާން ކުރެވިގެންދާނެ ކަމަށާއި އޭރުން އެކަމުގެ ތަފްސީލް ލިބިގެންދާނެ ކަމަށެވެ.

އެކަމާއި ގުޅިގެން ސަން އިން ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން ޔޫތު މިނިސްޓުރީގެ އޮފިޝަލަކު ވިދާޅުވީ އެކުޅުންތެރިންނަށް މުސާރަ ދިނުމަށް ނިންމާފައިވަނީ ގިންތިތަކަކަށް ބަހާލައިގެން ކަމަށާއި އެގޮތުން އެންމެ މަދުވެގެން އުޖޫރަ ކަޑައެޅިގެންދާ ކުޅުންތެރިޔާއަށްވެސް 2500 ރުފިޔާއަށްވުރެ ކުޑަނުވާ އުޖޫރައެއް ލިބޭ ކަމަށެވެ.

"ދާއިމީ ގޮތެއްގައި ކޮންމެ މަހެއްގައި، ކަޑައެޅިފައިވާ 3 ގިންތިއެއްގެ ތެރޭގައި، ކުޅުންތެރިންނަށް އުޖޫރަ ދިނުމަށް މި އުސޫލުތަކުގެ ދަށުންވަނީ ކަނޑައެޅިފައިވޭ އަދި މިއިން ކޮންމެ ގިންތިއެއްގައި ފައިހަރުކުރުމުގެ ފުރުސަތު ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ކޮންމެ ކުޅުންތެރިޔަކަށް ވަނީ ހުޅުވާލެވިފައި" އޮފިޝަލް ވިދާޅުވިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި ގައުމީ ސްކޮޑު ތަކުގައި ހިމެނޭ 250 އަށް ވުރެ ގިނަ ކުޅުންތެރިންނަށް މުސާރަ ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.