05 Jan 2015, 12:50
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލ. އަތޮޅުގައި ލިންކް ރޯޑްގެ ހެދުމަށް ބޭނުންވާ ސަރަހައްދުން ކަނޑާ ކޮންމެ ރުކަކަށް ދެ ރުއް އިންދަން އެންވައިރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފި އެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ސަން" އަށް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ރުއްތައް ކަނޑަން ފެށުމާ އެކު އެ ސަރަހައްދުން ކަނޑާ ކޮންމެ ރުކަކަށް ދެ ރުއް އިންދުމަށް ހޯމް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އެގޮތަށް އަންގާފައި ވަނީ ރުއް ގަސް ކެނޑުމާ ބެހޭ ގަވާއިދުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ރުއްތައް ކަނޑަމުން ގެންދަނީ ކޮންމެހެން ކަނޑަން ޖެހިގެން ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ އަންގައިފައި. އެހެން ނަމަވެސް އެ ނޫން އެހެން ގޮތެއް އޮތްތޯ ވެސް ބަލަންޖެހޭ. ރުއް ހޯދަން ނުލާހިކު ދަތިވެފައި މިވަނީ. އަލަށް ހަދާ ރިސޯޓްތަކަށާއި ގުޅީފަޅާއި ތިލަފަޅަށް ވެސް ރުއް ބޭނުންވޭ. އެހެންވެ ދުރާލާ ރުއްތައް ބޭނުންވާ ފަރާތްތަކަށް އެކަން ހުޅުވާލި ނަމަ ސަރުކާރުން އެކަމަށް ކުރަން ޖެހޭ ހޭދަ ވެސް ކުޑަވީސް،" ނައީމް ވިދާޅުވި އެވެ.
ލ. ގަމުން ފޮނަދުއާ ގޮޅައިދޭ "ބޮޑުމަގު" ލިންކް ރޯޑެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން އެ އަތޮޅު މާންދޫން 357 ރުކާއި ކައްދޫ އިން 443 ރުކާއި ގަމުން 1282 ރުއް އަދި ފޮނަދޫން 454 ރުއް ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެހެން ކަމުން އީޕީއޭ އިން އަންގާފައިވާ ގޮތުގެ މަތިން އެ ރުއްތަކުގެ ބަދަލުގައި 5072 ރުއް އަލުން ޖަހަން ޖެހެ އެވެ.
ޗައިނާ ސަރުކާރުން 30 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަަޖެހިފަ އެވެ.
ޗައިނާގެ ޖިއަންގްޒޫ ޕްރޮވިންޝަލް ޓްރާންސްޕޯޓް އިންޖިނިއަރިންގް ގްރޫޕާ ހަވާލުކޮށްގެން ޗައިނާގެ ސަރުކާރުން ހަދާ އެ ލިންކް ރޯޑަކީ ތާރު އަޅައިގެން ޒަމާނީ ފެންވަރެއްގައި ހެދުމަށް ހަމަޖައްސާފައިވާ މަގެކެވެ. އެ މަގަކީ އެ އަތޮޅު ފޮނަދު އާއި ގަން ގުޅުވައިދޭ 15.1 ކިލޯ މީޓަރުގެ މަގެކެވެ. ލިންކް ރޯޑްގެ ތަރައްގީ ކުރުމުގެ މަޝްރޫއަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ ވަޑައިގެން ޗައިނާ ރައީސް ޝީ ޖިންޕިންގްގެ ދަތުރުފުޅުގައި ސޮއި ކުރެއްވި މަޝްރޫއެކެވެ.