05 Jan 2015, 12:32
ރޭ ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑު ކުޅުނު މެޗުން އެ ޓީމް ބަލިވިއިރު، ތާވަލްގެ އެއްވަނަ ހޯދަން ބާސެލޯނާއަށް ލިބުނު ފުރުސަތު އެ ޓީމަށްވެސް ގެއްލިއްޖެ އެވެ.
ރޭ ރެއާލް މެޑްރިޑު ކުޅުނު މެޗުގައި އެ ޓީމާ ދެކޮޅަށް ވާދަކުރި ވެލެންސިޔާ އަތުން އެ ޓީމް ބަލިވީ 2-1 ގެ ނަތީޖާއަކުން ނެވެ. އެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ލީޑް ނެގީ ރެއާލް އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ރެއާލްއާ ވެލެންސިޔާ އަރާ ހަމަހަމަ ކުރީ މެޗުގެ ދެވަނަ ހާފްގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމްގެ އެންޓޯނިއޯ ބަރްގާން އެވެ. އެ ލަނޑާއެކު ރެއާލުން ކުރިއަށް ޖެހިލައި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައި ވާއިރު، އެ މެޗުގައި ވެލެންސިޔާގެ ގޯލް ކީޕަރިގެ ފަރާތުން ވަނީ ރީތި ސޭވްތަކެއް ފެނިގެން ގޮސްފައެވެ.
މެޗުގެ ދެވަނަ ލަނޑު ކާމިޔަބުކޮށް ވެލެންސިޔާ ލީޑް ނެގީ 65 ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ނިކޮލަސް އޮޓޮމެންޑީ އެވެ. އެ ލަނޑު ކާމިޔާބު ކުރިތާ އިރުކޮޅެއް ތެރޭ ވެލެންސިޔާއަށް މެޗުގެ ލީޑް އިތުރަށް ފުޅާ ކޮށްލަން ފުރުސަތު ލިބިފައި ވިނަމަވެސް، އެ ޓީމަށް ވަނީ އެ ފުރުސަތުގެ ބޭނުން ހިފޭގޮތް ނުވެފައެވެ.
ރޭގެ ކާމިޔާބީއާއެކު ވެލެންސިޔާ މިހާރު ވަނީ ލަލީގާ ތާވަލްގެ ހަތަރު ވަނައަށް ޖެހިލާފައެވެ. އަދި ރޭގެ ރެއާލް ބަލިވި ނަމަވެސް އެ ޓީމް އަދިވެސް އަންނަނީ ލަލީގާ ތާވަލްގެ އެއްވަނައިގައި 39 ޕޮއިންޓާއެކު އެ ޓީމްގެ މަގާމް ހިފަހައްޓަމުންނެވެ. ލަލީގާ ތާވަލްގެ ދެވަނައިގައި ރެއާލްއާ އެއް ޕޮއިންޓްގެ ފަރަގެއް އޮތް ބާސާއަށް ތާވަލްގެ އެއްވަނަ މަގާމް ހޯދަން ރޭ ފުރުސަތު ލިބިފައި ވިނަމަވެސް، އެ ޓީމް ރޭ ކުޅުނު މެޗުން ބަލިވުމުން އެ ޓީމަށް ވަނީ ތާވަލްގައި ކުރި ލިބޭގޮތް ނުވެފައެވެ.
ރޭ ބާސާ ކުޅުނު މެޗުގައި އެ ޓީމާ ދެކޮޅަށް ވާދަކުރީ ރެއާލް ސޮސިއެޑާޑް އެވެ. އެ މެޗުން ބާސާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބާސާ ކޮޅަށް ވަން ހަމައެކަނި ލަނޑު ވަނީ މެޗު ފެށިތާ ދެ މިނެޓު ތެރޭ ރެއާލް ސޮސިއެޑާޑް ނެގި ކޯނަރަކުން ބާސާގެ ޖޯޑީ އަލްބާ އަތުން ބައިކޮޅަށެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން މެޗު ކޮންޓްރޯލް ކުރަމުން އައި ބާސާ، ސޮސިއެޑާޑްގެ ގޯލަށް އެތައް ހަމަލާތަކެއް އުފައްދާފައި ވާއިރު، ބާސާއަށް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތް ނުވެފައެވެ. ގިނަ ރީނދޫ ކާޑުތަކެއް ފެނިގެންދިޔަ އެ މެޗުން ބާސާ ބަލިވިއިރު، އެ ޓީމާ ވާދަކުރި ސޮސިއަޑާޑް އެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު މިހާރު ވަނީ ލަލީގާ ތާވަލްގެ 13 ވަނައަށް ޖެހިލާފައެވެ.