ސިމެންތި ބަރުކޮށްގެން ޑެންމާކުން އިނގިރޭސިވިލާތަށް ދަތުރު ކުރި އާގުބޯޓެއް ސްކޮޓްލޭންލް ކައިރިއަށް ބަންޑުން ޖަހާލައި އަށް ފަޅުވެރިޔަކު ގެއްލިއްޖެ އެވެ.

ނިއުސް އޭޖޭންސީ، އޭޕީ އިން މިއަދު ބުނީ ޑެންމާކްގެ އާލްބޯންގް އިން ފުރައިގެން އިނގިރޭސި ވިލާތުގެ ރުންކޯން އަށް ދަތުރު ކުރި، ސައިފްރަސްގެ ދިދަ ނެގި، ބަލްކް ކެރިއާ ބަންޑުން ޖަހާލާފައި އޮތްތަން ފެނުނީ، އެ ސަރަހައްދުން ދަތުރު ކުރި ފެރީއަކަށް ހޮނިހިރު ދުވަހު ކަމަށެވެ.

އިނގިރޭސިވިލާތުގެ ރެސިކިއު ޓީމަކުން ވަނީ ބޯޓުން ގެއްލުނު މީހުން ފެނޭތޯ ބަލައިފަ އެވެ. ދެ ހެލިކޮޕްޓަރާއި ހަތަރު ލައިފް ބޯޓު ބޭނުންކޮށްގެން އިއްޔެ ކުރި މަސައްކަތުން 272 ފޫޓު ދިގު ބޯޓު ފެތުނު ތަނުން މީހަކު ނުފެނު ތަނުގައި ބޯޓުގަނޑު ވެސް ފެންނަން ނެތް ކަމަށް އިނގިރޭސި ކޯސްޓްގާޑުން އިއްޔެ ބުންޏެވެ.

އެ ބޯޓު އޮޕްރޭޓް ކުރި ޖަރުމަނު ކުންފުނީގެ ތަރުޖަމާނު ބުނީ ބޯޓު އަޑިއަށްދާ ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައި ނެތް ކަމަށާއި ބޯޓުގައި އެންމެ ފަހުން ވާހަކަ ދެއްކި އިރު ހުރިހާ ކަމެއް ވެސް ބަރާބަރު ކަމަށެވެ. އެ ކުންފުނިން ބުނީ އެ ބޯޓުގެ ފަޅުވެރިންގެ ގޮތުގައި ތިބޭނީ ޕްލޭންޑްގެ ހަތް މީހަކާއި ފިލިޕީންސް މީހެއް ކަމަށެވެ.