މިދިޔަ ސީޒަންގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބަށް ކުޅެދިން ގައުމީ ޓީމްގެ މިޑްފީލްޑަރު މުހައްމަދު ރަޝީދު (ހޮކޭ) ނިއުއާއެކު ވެފައިވާ އެއްބަސްވުން އާ ކޮށްފި އެވެ.

މިދިޔަ ސީޒަންގައި ނިއުގައި މޮޅު ކުޅުމެއް ދެއްކި ހޮކޭ އެ ޓީމާއެކު ވެފައިވާ އެއްބަސްވުން އާ ކޮށްފައި ވާކަން ނިއުއިން ހާމަކޮށްފައި ވަނީ މިއަދު އެވެ. ނިއުރޭޑިއެންޓުން މިއަދު ބުނީ ހޮކޭ އެ ޓީމާއެކު ވެފައިވާ އެއްބަސްވުން އާ ކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

މިދިޔަ ސީޒަންގައި ނިއުއާއެކު ޕްރެޒިޑެންޓްސް ކަޕާއި ދިވެހި ލީގު މިލްކުކުރި ހޮކޭ ވަނީ މީގެ ކުރިން 2011 ވަނަ އަހަރު ވިކްޓްރީ އާއެކުވެސް ޕްރެޒިޑެންޓްސް ކަޕް ކަމިޔާބު ކޮށްފައެވެ. އަދި ވިކްޓްރީގެ އިތުރުން ވެލެންސިޔާ އާއި މާޒިޔާއަށްވެސް ކުޅެދިން ހޮކޭ ރާއްޖޭގެ ގައުމީ ޓީމުން ފުރަތަމަ ފެނިގެން ދިޔައީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއާ ތައިލޭންޑާ ދެމެދު ކުޅުނު ރަހުމަތްތެރިކަމުގެ މެޗަކުންނެވެ.

ގައުމީ ޓީމްގައި 2012 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕްގެ ހުރިހާ މެޗަކުން ފެނިގެން ދިޔަ ހޮކޭ ފުރަތަމަ ކުޅެމުން އައީ ފަހަތަށް ށެވެ. ނަމަވެސް އޭރުގެ ގައުމީ ޓީމްގެ ކޯޗް އޭނާ ފޯވާޑެއްގެ މަގާމަށް ބަދަލު ކުރުމުން، 2012 ވަނަ އަހަރުގެ މާޗް މަހު ނޭޕާލާ ދެކޮޅަށް ކުޅުނު މެޗެއްގައި އޭނާ ވަނީ އެނާގެ ފުރަތަމަ ބައިނަލްއަގްވާމީ ލަނޑު ކާމިޔާބުކޮށް، އެ މެޗު ރާއްޖެއިން ކާމިޔާބު ކުރުމަށް އެހީތެރިވެދީފަ އެވެ.

ހޮކޭގެ އިތުރުން ކުރިއަށް އޮތް ސީޒަނަށް ނިއުގެ ޑިފެންޑަރު އަކުރަމް އަބްދުލް ޣަނީ އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) އަދި ފޯވާޑް އަލީ ފާސިރު (ސެންޓޭ) ވެސް ވަނީ ނިއުއާއެކު ވެފައިވާ އެއްބަސްވުން އާ ކޮށްފައެވެ. ނަމަވެސް ނިއުގެ ކެޕްޓަންކަން އަދާކުރަމުން އައި ގައުމީ ޓީމްގެ ގޯލްކީޕަރު އިމްރާން މުހައްމަދު ކުރިއަށް އޮތް ސީޒަނަށް މާޒިޔާއަށް ސޮއިކޮށްފައި ވާއިރު، އެނާގެ މަގާމް ފޫބައްދަން ނިއުއިން ވަނީ ސްޕެއިންގެ ގޯލްކީޕަރެއް ގެނެސްފައެވެ.

ސްޕެއިންގެ ކީޕަރު ޕެޑްރޯ މަރެންކޯގެ އިތުރުން މިފަހަރު ނިއުއަށް ވަނީ ބްރެޒިލްގެ ދެ ފޮވާޑުން ކަމަށްވާ ސަންތޯސް އާއި ރަފީނިއާވެސް ކުރިއަށް އޮތް ސީޒަނަށް ގެނެސްފައެވެ.