އިސްލާމީ ކަންތައްތަކަށް ހަރަދު ކުރާނެ އުސޫލުތަކެއް ކަނޑައަޅާ ގާނޫނެއްގެ ގޮތުގައި "ވަގުފު ގާނޫނު"ގެ ބިލް މިއަހަރު މެދުތެރޭގައި މަޖިލީހަށް ހުށަހެޅޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާ މިއަދު 'ސަން' އަށް ވިދާޅުވީ ވަގުފު ގާނޫނުގެ ފުރަތަމަ ދެލި ކޮޕީ މިހާރު ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ކަމާ ގުޅުން ހުރި މުއައްސަސާ ތަކާއެކު މަޝްވަރާކުރުމުގެ މަސައްކަތް ކަމަށެވެ.

މުނީޒާ ވިދާޅުވީ މިގާނޫނުގެ ސަބަބުން އިސްލާމީ ކަންތައްތަކަށް ޚަރަދު ކުރުމަށް ނުވަތަ ވަގުފު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ގާނޫނެއްގެ ހިޔަލުން ފަސޭހަ ކަމާއެކު އެމަސައްކަތް ކުރެވިގެން ދާނެ ކަމަށެވެ.

"މީހާރު ރަށެއްގައި މިސްކިތެއް އަޅަންވިޔަސް އެރަށެއްގެ ކައުންސިލާ ގުޅިގެން، އެތަށް މަސައްކަތަކުން އެމަސައްކަތް ކުރަން މިޖެހެނީ، އެކަމަކު މި ބިލް ފާސްވެގެން ގާނޫނަށްކަށް ވެގެން ދިޔައިމަ، އެކަން ކަމަށް އިތުރު ލިޔެއް ލިބިގެން ދާނެ،" މުނީޒާ ވިދާޅުވި އެވެ.

އަދި ވަގުފުގެ ބިލް ގާނޫނަކަށް ވެގެން ދިއުމުން ވަގުފު ކުރަންވީ ގޮތާއި، ވަގުފު ކުރުމުގެ ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ލިބިގެން ދާނެ ކަމަށްވެސް މުނީޒާ ވިދާޅުވި އެވެ.

ރާއްޖޭގައި އިސްލާމީކަން ކަމަށް ފައިސާ ހޯދުމަށް "ދާރުލް އީމާނު" ގެ ނަމުގައި ވަގުފު އިމާރާތެއް އުޅުމުގެ މަސައްކަތް މިދިއަ އަހަރުގެ ފެބުރުއަރީ މަހު އެމްޓީޓީސީ އާ ހަވާލުކުރެވިގެން އިސްލާމިކް މިނިސްޓްރީން ވަނީ ފަށާފައެވެ.