އެއީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 7:50 ކަންހާއިރެވެ. ކުޑަހުވަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ، މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް ހިނގާފައިދަނިކޮށް "ހަރުފައެއް" ކަމަށް ބެލޭ އެއްޗެއް އޭނާގެ ފައިގައި ދަތް އެޅި އެވެ. އެކަން ވީ މުޅި ކުޑަހުވަދު އަށް ވެސް ބޮޑު ބިރަކަށެވެ.

ވިހަގަދަ "ހަރުފަ" ދަތް އެޅި މީހާ ވަގުތުން ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ނަމަވެސް ވިހަވެގެން ދެވޭނެ އެއްވެސް ފަރުވާއެއް އެތަނުން ދެވޭކަށް ނެތެވެ. ދެން ނިންމީ ހަރުފަ ފަދަ ވިހަ ގަދައެއްޗެއް ދަތް އެޅުމުން އެއީ އާދައިގެ ކަމަކަށް ނުބެލުމަށެވެ. އޭގެ ވިހައިގެ ސަބަބުން ފުރާނައަށް ގެއްލުން ވެދާނެތީ އެވެ.

އެ ރެއިން އެރެއަށް އެ ބިދޭސީ މީހާ އެރަށު ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ. ވިހައިގެ އަސަރުކޮށްފާނެތީ އެވެ. އޭނާ އެހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ އިއްޔެ ހެނދުނު 8:00 ކަންހާއިރު އެވެ. އެވީ 12 ގަޑިއިރުން ފެށިގެން މިހާތަނަށް ވިހަ ވުމުންދޭ އެއްވެސް ފަރުވާއެއް ނުދޭތާ އޭނާ އަށް ގެއްލުމެއް ވެސް ނުވެ އެވެ.

އެކަމާ ގުޅިގެން ކުޑަހުވަދޫގައި ހުންނަ އެމްއާރްޑީސީގެ އިސް އޮފިޝަލަކާ ސުވާލުކޮށްލުމުން އޭނާ ވިދާޅުވީ އެއީ ހަރުފައެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އަދި އޭތި ފެނިފައި ވަނީ އިންޑިއާ އިން ހިލަ ގެނެސްފައި ހުރި "ޖަންބޯ ބޭގް"ތަކެއް ބަހައްޓާފައި ހުރި ސަރަހައްދުން ކަމަށްވުމުން އެއީ އިންޑިއާ އިން ރާއްޖެ އަށް އެތެރެވެފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ.

"އާންމުކޮށް ފެންނަ ނަންނުގައްޗަށް ވުރެ ބޮޑު، މީހުން ބުނަނީ އެއީ ހަރުފައެއް ކަމަށް، ދެން އަޅުގަނޑު ވެސް އެކި ގޮތްގޮތަށް ބަލައިފިން، ޝޭޕް ވައްތަރީ ވެސް ހަރުފަޔަކާ، އަދި އެއީ ވިހަ ވައްތަރުގެ ހަރުފައެއް ނޫންކަން އަޅުގަނޑަށް އެނގެނީ،" އެމްއާރްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.

ކޮންމެއަކަސް ކުޑަހުވަދޫ މީހުންނާއި އެމްއާރްޑީސީގެ ބޭފުޅުން ވެސް ނިންމީ އެއީ ހަރުފައެއް ކަމަށެވެ. ފޭސްބުކާއި ސޯޝަލް އެކި މީޑިއާތައް މެދުވެރިކޮށް "ކުޑަހުވަދޫން ހަރުފައެއް ފެނިއްޖެ" ކަމަށް ބުނެ އެތައް ޕޯސްޓެއް ފެތުރި އެވެ.

ކުޑަހުވަދޫން ހަރުފަ ފެނުނު ކަމަށް ބުނާ ސަރަހައްދަށް ހަމަ އެވަގުތު ފުލުހުން ވެސް ގޮސް އެ "ހަރުފަ" ޕޮލިސް ސުޓޭޝަންއަށް ގެންދިޔަ އެވެ. އެއީ ހަރުފައެއްތޯ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް ވިދާޅުވީ "އެއީ ހަރަފައެއް ނޫން، އެއީ ނަންނުގައްޗެއް" ކަމަށެވެ.

ކޮންމެއަކަސް ކުޑަހުވަދޫ މީހުންނަށް ފެނުނު ހަރުފަ ވެފައި މިވަނީ ރާއްޖޭގައި އާންމުކޮށް އުޅޭ ނަންނުގައްޗަކަށެވެ. ނުރައްކާ ކަމެއް ހުންނަ އެއްޗެއް ވެސް ނޫނެވެ. ނަމަވެސް ހަރުފައެއް ކަމަށް ހީކޮށް ނަންނުގައްޗެއް ދަތްއެޅުމުން މި ވަނީ އެ މީހާ 12 ގަޑިއިރު އެޑުމިޓްކޮށްފަ އެވެ. މިއީ މިފަދަ ކަންތައްތަކަށް އާންމުން ހޭލުންތެރިކަން ނޫން ވަރު ރަމްޒުކޮށްދޭ ކަންކަމެވެ.