އެފްއޭއެމުން ފ. ނިލަންދޫގައި ކުރިއަށް ގެންދަޔަ ޒޯން ފަހެއްގެ ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން މ. އަތޮޅު މުބާރާތުގެ ރަނަރަޕް މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ ހޯދައިފިއެވެ.

އެ މުބާރާތުގެ ޗެންޕިއަންކަން މުލަކު އެކުވެރި ކްލަބުން ހޯދީ އިއްޔެ ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ދ. އަތޮޅު މުބާރާތުގެ ރަނަރަޕް ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާއަ ވާދަކޮށް 4-5 ގެ ނަތީޖާއަކުން އެ ޓީމްގެ މައްޗަށް ކުރި ހޯދައިގެނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ އެއް ޓީމަކަށްވެސް ލަނޑެއް ކަމިޔާބު ކުރެވިފައި ނުވުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިން ނެވެ.

އިއްޔެގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ އިނާމް ދީފައެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާގެ އާދަމް ޝަހީމް (އާނާ) އެވެ.

އެ މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ޖަމިއްޔަތުއް ޝަބާބް ނިލްނަދޫގެ ސޮބާހު ހޮވުނުއިރު، އެ މުބާރާތުގެ އެންމެ ގިނަ ލަނދު ކާމިޔާބު ކުރި ކުޅުންތެރިއަކަށް ހޮވުނީ ޖަމިއްޔަތުއް ޝަބާބް ނިލަންދޫގެ އަބްދުލް ގަނީ އެވެ. އަދި އެ މުބާރާތުގެ ފެއާ ޕްލެ ޓީމަކަށް ހޮވުނީ ޖަމިއްޔަތުއް ޝަބާބް ނިލަންދޫ އެވެ.

މުޅިއަކު ހަ ޓީމެއް ވާދަކުރި ޒޯން ފަހެއްގެ މުބާރާތް ފަށާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދ. އަތޮޅުގައި ބޭއްވި އަތޮޅު މުބާރާތުގެ ޗެންޕިއަން މާއެނބޫދޫ މުޑި ޖަމިއްޔާ އާއި ފ. އަތޮޅު މުބާރަތުގެ ޗެންޕިއަން ދަރަނބޫދޫ ޒުވާނުންގެ ކްލަބް ކަޓާފައި ވާއިރު، އެ މުބާރާތުގެ ސެމީން މ. އަތޮޅު މުބާރާތުގެ ޗެންޕިއަން މުލަކު އެކުވެރި ޒުވާނުން ޖަމިއްޔާ ވެސް ވަނީ ކަޓާފަ އެވެ.