05 Jan 2015, 10:23
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދު އާލާސްކަންފުޅާ އުޅުއްވާތީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ސަޢޫދީ ރަސްގެފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި އެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު، ބޮޑުވަޒީރުގެ ނާއިބު، އަދި މިނިސްޓަރު އޮފް ޑިފެންސް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަށް އިއްޔެ ރައީސް ފޮނުއްވި މެސެޖުގައި ސަޢޫދީ ރަސްގެފާނު އާލާސްކަންފުޅާ އުޅުއްވާތީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މާތްﷲ އެމަނިކުފާނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސަޢޫދީ ރަސްގެފާނުގެ ދުރުވިސްނުންފުޅަށް ތަޢުރީފު ކުރައްވައި، ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދަކީ ސަޢޫދީ ޢަރަބިއްޔާއަށް ނުހަނު ގިނަ ކުރިއެރުންތަކާއި ތަރައްގީ ގެނެސްދެއްވާފައިވާ ވެރިއެއް ކަމުގައި ވިދާޅުވެފައިވެ އެވެ.