ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މިހާރު ކުރިއަށް ގެންދާ 2014 ވަނަ އަހަރުގެ ގައުމީ އަންހެން ވޮލީބޯޅަ ޗެންޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ޕޮލިސް ކްލަބާއި އިމިގްރޭޝަންސްގެ ޓީމް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބައްދަލުކުރީ ޕޮލިސް ކްލަބާއި ނައިފަރު ޖުވެނައިލް އެވެ. އެ މެޗު ޕޮލިސް ކްލަބުން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު ޕޮލިސް ކްލަބުން ވަނީ ފަސޭހަކަމާއެކު 16-25 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. އަދި މެޗުގެ ފަހު ސެޓުގައި ނައިފަރު ޖުވެނިއިލް ކުޅުން ރަނގަޅު ކުރި ނަމަވެސް، އެ ސެޓުވެސް ޕޮލިހުން ވަނީ 22-25 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ކުލާން ލިސް އެވެ.

އެ މުބާރާތުގައި އިއްޔެ ރޭ އިމިގްރޭޝަންސް ޓީމް ކުޅުނު މެޗުގައި އެ ޓީމާ ދެކޮޅަށް ވާދަކުރީ އިފްތިތާހު އިސްދަރިވަރުންގެ ޖަމިއްޔާ އެވެ. އެ މެޗު އިމިގްރޭޝަނުންވެސް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އިމިގްރޭޝަންސްގެ ޓީމުން ފަސޭހަކަމާއެކު ކާމިޔާބު ކުރީ 15-25 ގެ ނަތީޖާއަކުންނާއި 9-25 އަދި 13-25 ގެ ނަތީޖާއަކުންނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންސް ޓީމުގެ ތަރޫ އަންނިކް އެވެ.

ވީއޭއެމްއިން މައުލޫމާތު ދިންގޮތުގައި މިދިޔަ އަހަރުގެ މެދުތެރޭ ބާއްވަން ހަމަޖެއްސި 2014 ވަނަ އަހަރުގެ ގައުމީ އަންހެން ވޮލީބޯޅަ ޗެންޕިއަންޝިޕް މި އަހަރަށް ފަސްކުރަން ޖެހުނީ މިދިޔަ އަހަރު އެ މުބާރާތް ބާއްވަން ކަނޑައެޅި ތާރީހާއި ބައިނަލްއަގްވާމީ ބައެއް މުބާރާތްތަކާ ދިމާވުމުންނެވެ. އެހެން ކަމުން މިދިޔަ އަހަރުގެ ގައުމީ އަންހެން މުބާރާތް އިއްޔެ ފަށާފައި ވާއިރު، އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހާ ހަމައަށެވެ.

މުޅިއެކު ހަތަރު ޓީމެއް ބައިވެރިވި އެ މުބާރާތުގައި މިއަދުވެސް ދެމެޗު ކުޅެން ހަމަޖެހިފައި ވާއިރު، އެ މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނައިފަރު ޖުވެނައިލް އާއި އިފްތިތާހް އިސްދަރިވަރިންގެ ޖަމިއްޔާ އެވެ. އަދި އެ މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ޕޮލިސް ކްލަބާއި އިމިގްރެޝަންސްގެ ޓީމެވެ.

މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ މެދުގައި އެއް ރައުންޑު ކުޅުމަށްފަހު ތިން ސެމީ ކުޅެން ހަމަޖެހިފައިވާ އެ މުބާރާތުގެ ފައިނަލް މެޗު ކުޅެން ތާވަލްކުރެވިފައި ވަނީ މިމަހުގެ ނުވަވަނަ ދުވަހުގެ ރޭގަނޑު އެވެ. އަދި އެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެން ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައެވެ.