ދުނިޔޭގެ އެންމެ ބޮޑު ސާޗް އިންޖިން "ގޫގަލް"ގައި ނިމިގެން ދިޔަ 2014 ވަނަ އަހަރު ތަފާތު މައުލޫމާތު ތަކާބެހޭގޮތުން އެކި ފަރާތްތަކުން އެއް ޓްރިލިއަން ފަހަރު 'ސާޗް' ކޮށްފައިވާކަމަށް ވެއެވެ. ނަމަވެސް އޭގެތެރެއިން އެންމެ މަގުބޫލު 'ސާޗު'ތަކަކީ ކޮބައި ހެއްޔެވެ؟

މިއަހަރު އެންމެ ގިނަ ބަޔަކު ގޫގަލްގައި ސާޗް ކޮށްފައިވަނީ އުމުރުން 63 އަހަރުގައި ދުނިޔެއާ އަލްވަދާއު ކިޔާފައިވާ އެކްޓަރު އަދި ކޮމެޑިއަން ރޮބިން ވިލިއަމްސް އެވެ. ޑޮކްޓަރުންގެ ރިޕޯޓުތައް ބުނާގޮތުން އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެންނެވެ.

ޖޫން މަހު ފެށި ފީފާ ވޯލްޑް ކަޕް 2014 އަކީ ދެވަނައަށް އެންމެ ގިނައިން ސާޗުކޮށްފައިވާ އެކައްޗަށްވާއިރު ތިންވަނައަށް އެންމެ ގިނައިން މީހުން ސާޗުކޮށްފައިވަނީ އެބޯލާ އާ ބެހޭގޮތުންނެވެ.

މާޗު މަހުގެ އަށްވަނަ ދުވަހު ގެއްލުނު މެލޭޝިޔާގެ އެމްއެޗް 370 ފްލައިޓުގެ މައުލޫމާތަކީ ގޫގަލްގައި ހަތަރުވަނައަށް އެންމެ ގިނައިން މީހުން ހޯދާފައިވާ އެއް ހަބަރެވެ. އެ ފްލައިޓު ހޯދުމުގެ މަސައްކަތް ގިނަ ބަޔަކު ކުރި ނަމަވެސް އަދިވެސް އެފްލައިޓު ފެނިފައެއް ނުވެއެވެ.

އަހަރުގެ މެދުތެރޭ މަޝްހޫރު ތަރިންތަކެއްގެ ބޮލަށް، އައިސްފެން ބާލިދީއެއް އޮއްސާލާ މައްޒަރުތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އޭމިއޯޓްރޯފިކް ލޭޓްރަލް ސްކްލެރޯސިސް (އޭއެސްއެލް) ބައްޔާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް އެ އެސޯސިއޭޝަނަށް ފައިސާ ޑޮނޭޓު ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ އޭއެސްއެލް އައިސް ބަކެޓް ޗެލެންޖަކީ ގޫގަލްގައި ފަސްވަނައަށް އެންމެ ގިނައިން ސާޗް ކޮށްފައިވާ މައުލޫމާތެވެ.

* އެންމެ ގިނައިން ސާޗުކުރެވިފައިވާ ޝަހްސިއްޔަތުތައް:

ސާޗްތަކުގެ ތެރެއިން އެންމެ މަގުބޫލު ޝަހްސިއްޔަތުންގެ އެއްވަނަ މަގާމުގައި ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޖެނިފާ ލޯރެންސް (ޖޭލޯ) ހިމެނުމަކީ ހައިރާންވާ ކަމެއް ނޫނެވެ. އުމުރުން 24 އަހަރުގައި އޮސްކާ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ލިބިފައިވާ ޖޭލޯ އަކީ މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޠަލާވެސް މެއެވެ.

ރިއަލިޓީ ޓީވީ ޝޯ "ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް"ގެ ތަރި ކިމް ކާޑޭޝިއަން އަކީ ދެވަނައަށް އެންމެ ގިނަ މީޙުން ސާޗުކޮށްފައިވާ ޝަހްސިއްޔަތެވެ.

ތިންވަނައަށް އެންމެ ގިނަމީހުން ސާޗްކޮށްފައިވާ ޝަހްސިއްޔަތަކަށް ޓްރޭސީ މޯގަން ވެފައި ވާއިރު އޭނާއަކީ ކޮމީޑިއަން އެކްޓަރެކެވެ. އޭނާއަކީ ސަޓަޑޭ ނައިޓް ލައިވްގެ އަށް ސީޒަންގެ ކާސްޓް މެމްބަރެކެވެ.

އެ ލިސްޓުގެ ހަތަރުވަނައިގައި އޮތީ އެމެރިކަން ފުޓުބޯޅަ ކުޅުންތެރިޔާ ރޭމެލް މޮރީސް "ރޭ" ރައިސް އެވެ. އަދި ފަސްވަނައިގައި ވަނީ، ސްޓޮކް ކާރު ރޭސާ އާއި ބިޒްނަސްމޭން އަދި ނާސްކާ ޓީމުގެ ވެރިޔާ ޓޯނީ ސްޓްވާޓް އެވެ.

* އެންމެ ގިނައިން ސާޗުކޮށްފައިވާ ފޮތްތައް:

ވޭތުވެދިޔަ އަހަރު އެންމެ ގިނައިން ސާޗްކޮށްފައިވާ ފޮތަކީ ހެލެން އޮޔެޔެމީ ލިޔެފައިވާ ބޯއި، ސްނޯ، ބާޑް ނަމަކަށް ކިޔާ ފޮތެކެވެ. އަނިޔާވެރި ބައްޕައެއްގެ ފަރާތުން ސަލާމަތް ވުމަށް ގެއިން ފިލައިގެން ދާ އަންހެނެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ އެ ފޮތަކީ ގިނަ ބައެއް ބުނާގޮތުގައި "ސްނޯވައިޓް ރީޓެލިން" އެކެވެ.

އޮޓޯބަޔޮގްރަފީ އެއް ކަމުގައިވާ "ބްލަޑް ވިލް އައުޓް" އަކީ ދެވަނައަށް އެންމެ ގިނައިން މިދިޔަ އަހަރު ސާޗްކޮށްފައިވާ ފޮތެވެ. ވޯލްޓާ ކާން ލިޔެފައިވާ އެ ފޮތަކީ އޭނާގެ އަމިއްލަ ހަޔާތުގެ މައްޗަށް ލިޔެފައިވާ ފޮތެކެވެ.

ތިންވަނައަށް އެންމެ ގިނައިން ސާޗްކޮށްފައިވާ ފޮތަކީވެސް ހަގީގީ ވާހަކައެކެވެ. ކާލް ހޮފްމަން ލިޔުނު އެ ފޮތަކީ މައިކަލް ރޮކްފެލާސްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީއެކެވެ.

ކަސާންޑްރާ ކްލެއާގެ މަޝްހޫރު ފްރެންޗައިޒް ސީރީޒް "މޯޓަލް އިންސްޓްރުމެންޓް"ގެ އެންމެ ފަހު ފޮތަކީ މިދިޔަ އަހަރުގެ ހަތަރުވަނައަށް އެންމެ ގިނައިން މީހުން ގޫގަލްގައި ހޯދާފައިވާ ފޮތެވެ. "ސިޓީ އޮފް ހެވެންލީ ފަޔަރ" އަކީ މުޅި ސީރީޒްގެ އެންމެ ފަހު ފޮތަށް ވާއިރު އެފޮތަކީ ގުޑްރީޑްސް ޗޮއިސް އެވޯޑުގެ އެންމެ މޮޅު ޔަންގް އެޑަލްޓް ފެންޓަސީ ވާހަކައަށް މިދިޔަ އަހަރު ހޮވިފައިވާ ފޮތެވެ.

މައިކަލް ލޫވިސް ލިޔުނު ފޮތް "ފްލެޝް ބޯއިސް: އަ ވޯލްސްޓްރީޓް ރިވޯލްޓް" އަކީ ފަސްވަނައަށް އެންމެ ގިނައިން ސާޗްކޮށްފައިވާ ފޮތެވެ.

* އެންމެ މަގުބޫލު ފިލްމުތައް:

ޑިޒްނީގެ މަޝްހޫރު އެނިމޭޓެޑް މިއުޒިކަލް ކާޓޫން "ފްރޯޒެން" އަކީ 2013 ވަނަ އަހަރު ނެރުނު ފިލްމެއް ކަމުގައި ވިޔަސް މިދިޔަ އަހަރު އެންމެ ގިނައިން ގޫގަލްގައި ސާޗްކޮށްފައިވާ ފިލްމަކީ ފްރޯޒެން އެވެ.

ސްޕޭސް އާ ދޭތެރޭ އާ ނަޒަރަކުން ދައްކުވައިދޭ ފިލްމު އިންޓަސްޓެލާއަކީ ދެވަނައަށް އެންމެ ގިނައިން ގޫގަލްގައި ހޯދާފައިވާ ފިލްމަށްވާއިރު ޑައިވާޖެންޓް އަކީ ތިންވަނައަށް އެންމެ ގިނައިން ސާޗްކޮށްފައިވާ ފިލްމެވެ. ވެރޯނިކާ ރޮތުގެ "ޑައިވާޖެންޓް" ޑިސްޓޯޕިއަން ވާހަކަ ސީރީޒް އަސްލަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފިލްމު ބިނާވެފައިވަނީ ބީޓްރިސް "ޓްރިސް" ޕްރައޯ ގެ ހަޔާތުގެ މައްޗަށެވެ.

ޖިލިއަން ފްލިންގެ ވާހަކައިގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމު "ގޯން ގާލް" އަކީ މިދިޔަ އަހަރު ހަތަރުވަނައަށް އެންމެ ގިނައިން ސާޗުކޮށްފައިވާ ފިލްމެވެ. އަދި ފަސް ވަނައަށް އެންމެ ގިނައިން ސާޗުކޮށްފައިވަނީ ޕީޓާ ބާގް ޑައިރެކްޓް ކުރި ފިލްމު "ލޯން ސަވައިވާސް" އެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ސާޗުކޮށްފައިވާ ފުޓުބޯޅަ ޓީމުތަކަކީ ރެއާލް މެޑްރިޑް އާއި އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑް އާއި އެފްސީ ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑް އެވެ.

އެންމެ ގިނައިން ސާޗުކޮށްފައިވާ ފަސް މިއުޒިކް އާޓިސްޓުންގެ ތެރެއިން ތިން އާޓިސްޓުންނަކީ މިދިޔަ އަހަރުގެ "ބްރޭކް އައުޓް އާޓިސްޓުން" ނެވެ. އެއީ އިގީ އެޒޭލިއާ އާއި ސޭމް ސްމިތު އަދި މޭގަން ޓްރޭނާއެވެ. ދެން އެންމެ ގިނައިން ސާޗުކޮށްފައިވަނީ 2013 ގައި ބްރޭކް އައުޓްވި އާޓިސްޓެއް ކަމަށްވާ "ލޯޑް" އެވެ. އަދި މީގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭގެ ކޮއްކޮ ސޮލާންޖް ނޯލްސް ވެސް އާޓިސްޓުންގެ ތެރޭގައި ހިމެނެއެވެ.