ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ކިސަޑު ފޭބުމުގެ ހިތާމަވެރި ހާދިސާގައި އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި ސްރީލަންކާގެ ރައީސް، މަހިންދަ ރާޖަޕަކްސަ އަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ފޮނުއްވި މެސެޖްގައި، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކު ކަމުގައި ވިދާޅުވެފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ސްރީލަންކާގެ ރައީސް ‏މަހިންދަ ރާޖަޕަކްސަ‏އަށާއި ސްރީލަންކާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކު ތަޢުޒިޔާ ވިދާޅުވެފައިވެ އެވެ. އަދި މިޙާދިސާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެ އެވެ.