05 Jan 2015, 09:49
ވެބްސައިޓް ތަކާއި ފޭސްބުކް އަދި އެހެނިހެން އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ކުރަމުން އަންނަ އޮންލައިން ވިޔަފާރިތައް ރަޖިސްޓަރީކުރަން މީރާ އިން އަންގައިފި އެވެ.
މީރާ އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުންނާއި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީ ނުކޮށް ބައެއް ކުންފުނިތަކާއި އަމިއްލަ ފަރުދުން އޮންލައިން ވިޔަފާރިކޮށް ނަފާ ހޯދަމުން އަންނަކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން ކުންފުނި ޕާޓްނާޝިޕްތަކުގެ އިތުރުން ވިޔަފާރި އާމްދަނީގެ ގޮތުގައި މަހަކު 20،000 ރުފިޔާ އަށްވުރެ އިތުރު އަދަދެއް ލިބޭ ފަރުދުންނާއި އަހަރެއްގެ ތެރޭގައި 1000000 ރުފިޔާ ލިބޭ ނުވަތަ ލިބޭނެކަމަށް ލަފާކުރެވޭ ފަރާތްތަކާއި އެފަރާތުގެ ނަމުގައި އިމްޕޯޓްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓަރީނުކޮށް ވިޔަފާރި ކުރުމަކީ ގާނޫނީ ކުށެއް ކަމަށް މީރާ އިން ބުންޏެވެ.
އެހެންކަމުން މިއަހަރު ޖެނުއަރީމަހު 31 ވަނަ ދުވަހުގެ ކުރިން އެ ފަރާތްތައް ރަޖިސްޓަރީ ކުރުމަށާއި ރަޖިސްޓަރީ ނުކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ވެސް މީރާއިން ބުންޏެވެ.
ޖީއެސްޓީއަށް ރަޖިސްޓަރީ ކުރަން އެދޭ ފޯމް އެ އޮތޯރިޓީގެ ކައުންޓަރުން ލިބޭން ހުންނާނެ ކަމަށާއި ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް މީރާއިން ބުންޏެވެ.