05 Jan 2015, 09:43
ރިޔާޟް (ޖަނަވަރީ 5): ފަރަންސޭސި ދިފާއީ ވަޒީރު ޖާން އީވް ލޮދްރިޔާން، ސައޫދީ އަރަބިޔާއަށް ވަޑައިގެން ސަޢޫދީ ވަލީއުލްއަހްދު އަދި ދިފާޢީ ވަޒީރު ސަލްމާން ބިން އަބްދުލްއަޒީޒް އާ ބައްދަލުކުރައްވައިފި އެވެ.
ރިޔާޟްގައި ހުންނަ ސަލްމާންގެ ގަނޑުވަރުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ފަރަންސޭސިވިލާތާއި ސައޫދީ އަރަބިޔާގެ އަސްކަރީ ގުޅުންތައް އިތުރަށް ތަރައްގީ ކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެ އެވެ.
ލޮދްރިޔާން، ސައޫދީ އަރަބިޔާއަށް ވަޑައިގެން އުޅުއްވަނީ ފަރަންސޭސި ހަތިޔާރު ސައޫދީ އަރަބިޔާއަށް ވިއްކުމުގެ އެއްބަސްވުމަކާ ހަމައަށް ދިޔުމަށާއި ފަރަންސޭސި ހަތިޔާރު ޕްރޮމޯޓް ކުރެއްވުމަށް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ސައޫދީ ރަސްމީ އެއްވެސް ފަރާތަކުން މިކަން ހާމަކޮށްފައެއް ނުވެ އެވެ.
ފަރަންސޭސިވިލާތަކީ ސައޫދީ އަރަބިޔާއަށް ދެވަނައަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމެވެ. ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ފަރަންސޭސިވިލާތުން އެންމެ ގިނަ ހަތިޔާރު ގަނެފައިވާ ގައުމަކީވެސް ސައޫދީ އަރަބިޔާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފަރަންސޭސި ދިފާޢި ވަޒީރު ލޮދްރިޔާން އިއްޔެވަނީ ސައޫދީ ދާޚިލީ ވަޒީރު މުޙައްމަދު ބިން ނާއިފް އާ ވެސް ބައްދަލުކުރައްވާފަ އެވެ. (އަލްއަރަބިއްޔާ)