05 Jan 2015, 09:22
މީއީ އިއްޔެއަކު މިއަދަކު ދެއްކި ވާހަކައެއް ނޫނެވެ. ދިރިއުޅުން ބަރުބާދުވެ، ބުއްދި ގޯސްވެ، ނުކުޅެދޭ ހާލުގައި އެނދުމަތިވެފައިވާ އެތައް ބަޔަކު ބަރުދާސްކުރަން ޖެހުނު ހާލުގެ ވާހަކަ އެވެ. އެފަދަ ހާލަތަށް މީހުން ދާން މަޖުބޫރު ކުރި ނިޒާމުގެ ވާހަކަ އެވެ. އެކަން އެގޮތަށް މެދުވެރިވީ ފަރުވާގެ ނިޒާމަށް އިހުމާލުވެފައި އޮތުމުންނެވެ. ފޭކް ޑޮކްޓަރުންގެ ހާއްޔަކަށް ރާއްޖޭގެ ސިއްހީ ދާއިރާ ވުމުންނެވެ. މީގެ ކުރިން ވެސް އަޅުގަނޑު ވާނީ މި ވާހަކަތައް ކިޔުންތެރިންނާ ހިސާބަށް ގެނެސްދީފަ އެވެ. މިފަހަރު ވެސް އެފަދަ ވާހަކަ އެކެވެ. ޑޮކްޓަރުންގެ ފެންވަރު ބެލުމަށް ޓެސްޓް ހެދުމަށް ތައްޔާރުވެއްޖެ އެވެ. އެކަން އެގޮތަށް ކުރުމަށް މެޑިކަލް ކައުންސިލުން ނިންމައިފި އެވެ. ނަމަވެސް އޭގައި އަދިވެސް ގަބޫލް ނުކުރެވޭ އެތައް ކަންތައްތަކެއް އެބަ ހުއްޓެވެ.
މެޑިކަލް ކައުންސިލްގެ މެންބަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ އަފީފު އިއްޔެ ވިދާޅުވެފައި ވަނީ މިދިޔަ އަހަރުން ފެށިގެން މެޑިކަލް ކައުންސިލުގައި ރެޖިސްޓްރީ ކުރާ ހުރިހާ އެމްބީބީއެސް ޑޮކްޓަރުން ފެންވަރު ރަނގަޅު ބޭފުޅުން ތޯ ބެލުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިސަންސިން އިމްތިހާނެއް ބާއްވާނެ ކަމަށެވެ. އެ ޓެސްޓުން ސްޕެޝަލިސްޓް ޑޮކްޓަރުން އިސްތިސްނާވާނެ އެވެ. އަހަރަކު ތިން ފަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ އެ އިމްތިހާނުގެ ފުރަތަމަ ބުރު މި މަހު ހަތް ވަނަ ދުވަހު ބާއްވަން އެ ކައުންސިލުން ވަނީ ހަމަ ޖައްސާފަ އެވެ. އެ ތިން ފަހަރު ވެސް އިމްތިހާނުގައި ބައިވެރި ނުވާ ޑޮކްޓަރުންނަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ދީފައިވާ ހުއްދަ ބާތިލް ކުރެވޭނެ ކަމަށް ޑޮކްޓަރު އަފީފު ވިދާޅުވި އެވެ.
މިއީ ވެސް ރަނގަޅު ނިންމުމެއްކަމަށް ބެލެވެ އެވެ. ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް އަމަލުކުރާ އެފަދަ އުސޫލްތަކަށް އަމަލުކޮށްގެން ނޫނީ ޑޮކްޓަރުންގެ ފެންވަރު ރަނގަޅުކޮށް އެދެވޭ ސިއްހީ ފަރުވާއެއް ނުދެވޭނެ އެވެ. ޑޮކްޓަރުންގެ ފެންވަރު ބެލުމަށް ޓެސްޓެއް ހަދަން ޖެހޭ ގޮތަށް ހަމަޖެއްސިއިރު އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުއްޓެވެ. އެގޮތުން މިހާރަށް ވުރެ ހަރުދަނާކޮށް ޑޮކްޓަރުން ގެނެވޭނެ ގޮތެއް ހަމަޖައްސަންޖެހެ އެވެ. އޭގެ ތެރެއިން އަދިވެސް އިސްލާހުކުރަން ޖެހޭ ބައެއް ކަންކަމަށް ބަލައިލާނަމެވެ.
ހަމައެކަނި ޓެސްޓު ހަދަން ޖެހޭނީ ރާއްޖެއަށް އަލަށް އަންނަ ޑޮކްޓަރުން އެކަންޏެއް ނޫނެވެ. ވޭތުވެދިޔަ އަހަރު ދުވަހު ރާއްޖެ އައި ޑޮކްޓަރުންނެއް ވެސް ނޫނެވެ. މެޑިކަލް ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން އިމްތިހާނު ބާއްވަނީ މެޑިކަލް ކައުންސިލްގައި މިދިޔަ އަހަރު ރަޖިސްޓްރީ ކުރި ޑޮކްޓަރުނަށް އެކަންޏެވެ. އައިޖީއެމްއެޗް ހިންގުމުގެ މަސައްކަތާ ކުރިން ހަވާލުވެ ހުންނެވި އަދި މިހާރު ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބު ވެސް ބޭރުގެ ގައުމުތަކުން ރާއްޖެ ގެންނަ ބައެއް ޑޮކްޓަރުންނާ ދޭތެރޭ ހިތްހަމަޖެހިވަޑައެއް ނުގަންނަވަ އެވެ. ހަބީބު ވިދާޅުވާ ގޮތުގައި "ބައެއް ބިދޭސީ ޑޮކްޓަރުންނަށް ޑޮކްޓަރުންނޭ ކިޔަން ވެސް ހެޔޮ ނުވާނެ،" އެވެ. މިފަދައިން ކަމާބެހޭ ތަޖުރިބާ ކާރުން ބުނާއިރު މިހާރު ތިބި ޑޮކްޓަރުން ވެސް އެ އިމްތިހާން ހަދަން ޖެހޭނެ އެވެ. އަދި އިމްތިހާނުން ފާސްނުވާ ޑޮކްޓަރުން ވަޒީފާ އިން ވަކިކުރަންޖެހެ އެވެ.
ރާއްޖެއަށް ފޭކް ޑޮކްޓަރުން އެތެރެވާ އެހެން ސަބަބެއް ވެސް އެބަވެ އެވެ. އެއީ މެޑިކަލް ކައުންސިލުން ޑޮކްޓަރުންގެ ފެންވަރު ބަލާއިރު އެ ޑޮކްޓަރަކު ހުށައަޅާ ސެޓްފިކެޓަށް އެކަނި ބަލާތީ އެވެ. އިންޑިއާ ޕާކިސްތާން ފަދަ ގައުމުތަކުގައި ފޭކް ސެޓްފިކެޓެއް ހައްދާލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެގޮތަށް އެކަން އޮތުމަކީ ވެސް ރާއްޖެއަށް ފޭކް ޑޮކްޓަރުން އައުމުގެ އެއް އަސްލެވެ. އޭގެ ބަދަލުގައި މެޑިކަލް ކައުންސިލްގެ އިސްވެރިން ރާއްޖެއިން ބޭރަށް ވަޑައިގެން ޑޮކްޓަރުންނާއި އިންޓަވިއުކޮށް ފެންވަރު ބަލައިގެން ރާއްޖެ ގެނެވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހެ އެވެ.
ޑރ. އަފީފް ވިދާޅުވި ގޮތުގައި ރާއްޖެއަށް ބޭނުންވާ ޑޮކްޓަރުން ހޯދުމަށް މެޑިކަލް ކައުންސިލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަނގުލަދޭޝްއަށް ގޮސްފައިވެއެވެ. ނަމަވެސް އެއީ އެގޮތަށް އިންތިޒާމް ކުރެވިގެން ދާއިމީ ގޮތަކަށް ކުރެވޭ ކަމެއް ނޫން ކަމަށާއި އެފަހަރު މެޑިކަލް ކައުންސިލްގެ ބޭފުޅުން އެ ގައުމަށް ދިޔައީ ހެލްތް މިނިސްޓްރީން އެގޮތަށް އެދުމުން ކަމަށް އަފީފު ވިދާޅުވި އެވެ.
މިއީ ހައްލެއް ނޫނެވެ. އެކަން ދާއިމީ ކަމަކަށް ހަދަން ޖެހެ އެވެ. ހަމައެކަނި ސެޓްފިކެޓަށް ބަލައިގެން ޑޮކްޓަރުން ގެންނަނަމަ ފޭކް ޑޮކްޓަރެއްކަން އެނގޭނީ އޭނާ ރާއްޖެ އައިސް އެތައް ދުވަހަކު މަސައްކަތް ކުރާ ފަހުންނެވެ. އެހެން ކަމުން ދުނިޔޭގެ ބޮޑެތި ގައުމުތައް ކަމަށްވާ އިނގިރޭސި ވިލާތާއި އެމެރިކާ ފަދަ ގައުމުތަކުގައި ޑޮކްޓަރުން ކަނޑައެޅުމަށް ޓަކައި "ލައިސެންސިއޭޓް އެގްޒާމް" ދޭއިރު ޑޮކްޓަރުންނަށް ވަޒީފާ ދެނީ އެ ޓެސްޓުން ފާސްވުމުންނެވެ. އެހެން ކަމުން ރާއްޖެއަށް ޑޮކްޓަރުން ގެންނައިރު ވެސް ޓެސްޓު ދިނުމަށްފަހު ވަޒީފާ ދިނުން މުހިންމެވެ.
ރާއްޖެއަށް ޑޮކްޓަރުން އެތެރެ ކުރާ ގޮތާއި ކޮންސްޓްރަކްޝަން މަސައްކަތަށް ބިދޭސީން އެތެރެ ކުރާ ގޮތާއި މާ ބޮޑު ތަފާތެއް ނެތެވެ. ސަބަބަކީ އެ ދެ ބޭނުމަށް ވެސް މީހުން އެތެރެ ކުރަނީ އެޖެންޓުން މެދުވެރިކޮށް ކަމަށްވާތީ އެވެ.
ރާއްޖެއަށް ޑޮކްޓަރުން ގެނައުމަކީ ވެސް ބޮޑު ވިޔަފާރި އެވެ. އެކަން ކުރަނީ އެކިއެކި އެޖެންޓުން މެދުވެރިކޮށެވެ. އެއީ ރާއްޖެއަށް "ބަންގާޅުން" އެތެރެ ކުރުންފަދަ ވިޔަފާރި އެކެވެ. އެގޮތަށް ޑޮކްޓަރެއް ކަމަށް ބުނެ ރާއްޖެ އެތެރެވާ ކޮންމެ މީހަކު ވެސް ރާއްޖެ އަންނަނީ އޭނާގެ އޭޖެންޓަށް 2000 ޑޮލަރު ދައްކައިގެން ކަމަށްވެ އެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ކޮންޓްރެކްޓް މަސައްކަތް ކުރައްވާ ބޭފުޅުންނާއި ގޭގެއަށް ހައުސް މެއިޑުން އެތެރެ ކުރާ އެޖެންޓުންނަށް ޑޮކްޓަރުން އެތެރެ ކުރެވޭނެ ކަމަކަށް،" ރާއްޖޭގެ ސިއްހީ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ޑޮކްޓަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.
މަރުކަޒީ ހޮސްޕިޓަލް އައިޖީއެމްއެޗަށް ގެންނަ އެތައް ބިދޭސީ ޑޮކްޓަރުންގެ ފަރާތުން އެ ބުނާ ފޭކް މައްސަލަ ފެންމަތިވާ ކަމަށްވެ އެވެ. އެ ޑޮކްޓަރުން ކަމުނުދާ ކަމަށް އެ ހޮސްޕިޓަލުން ބުނުމުން ޑޮކްޓަރުން ހެލްތު މިނިސްޓްރީން އަތޮޅުތެރޭ ރަށް ރަށަށް ފޮނުވާލަނީ އެވެ. މިއީ އަނެއްކާ އަނެއް ކަންތަކެވެ. އައިޖީއެމްއެޗަށް ކަމުނުދިޔަ ޑޮކްޓަރަކު އަތޮޅުތެރޭ ރަށްރަށުގައި މަސައްކަތް ކުރުމަށް ކަމުދާންވީ ކީއްވެތޯ އުފެދޭ ސުވާލެވެ. މީގެ ބަދަލުގައި އެކަށީގެން ނުވާ ޑޮކްޓަރެއް ވިއްޔާ ފޮނުވާލަން ޖެހޭނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
މިއީ ދިވެހިންނަށް ދުޅަ ހެޔޮ ސިއްހަތެއް ލިބުމާމެދު ޝައްކުކުރެވޭ ހިސާބެވެ. މިކަމަށް ވެސް މި ވަނީ ވަގު ސެޓްފިކެޓާއި ނުފޫޒުގެ ކަންތައްގަނޑެއް ވަދެފަ އެވެ. މިއީ ކުޑަ މައްސަލައެއް ނޫނެވެ. އަދި މިއީ ހައްލަކަށް އެންމެ ފިޔަވަޅެއް އެޅިގެން ހުއްޓުވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެހެން ބައިވަރު ހަރުދަނާ ފިޔަވަޅު އަޅަންޖެހެ އެވެ.