ރާމަﷲ (ޖަނަވަރީ 5): ފަލަސްތީނުގެ މިނިވަންކަމުގެ މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހަށް ދިޔުން ނޫން އެހެންގޮތެއް ފަލަސްތީނުގެ ރައްޔިތުންނަށް މިހާރު ނެތްކަމަށް ރައީސް މަޙްމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ "އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން" އިން ރާމަﷲ ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފޭބުމަށް ގޮވާލާ ދެވަނަ ގަރާރެއްގެ ދެލިކޮޕީ އެކުލަވައިލުމާބެހޭގޮތުން ވަރަށް އަވަހަށް އުރުދުންއާ މަޝްވަރާކުރައްވާނެ ކަމަށާއި އެއަށްފަހު އަރަބި އެހެންގައުމުތަކާވެސް މަޝްވަރާ ކުރައްވާނެ ކަމުގައެވެ.

އައްބާސް ވިދާޅުވީ، ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ދެވަނަ ގަރާރެއް ފާސްނުވެއްޖެނަމަ ތިންވަނަ ގަރާރެއްވެސް ސަލާމަތީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގަ އެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އައްބާސް ވިދާޅުވީ، ފަލަސްތީނަށް މިނިވަންކަން ދިނުމަށް ގޮވާލައި މިދިޔަ ޑިސެމްބަރުމަހުގެ 29 ވަނަދުވަހު ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްނުވުމަކީ މިފަދަ ދެވަނަ ގަރާރެއްގެ ދެލިކޮޕީ އެމަޖިލީހަށް ހުށަހަޅަންޖެހޭ ސަބަބެއް ކަމުގައެވެ. 1967 ގެ ހަނގުރާމައިގައި އިސްރާއީލު ގަދަބާރުން ހިފި ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކުން 2017 އަހަރުގެ ނިޔަލަށް އިސްރާއީލުގެ އިސްތިޢުމާރީ ބާރުތައް ފާބައި އެބިންތައް މިނިވަންކުރުމަށް ގޮވާލާ ގަރާރު، އދ.ގެ ސަލާމަތީ މަޖިލީހުން ފާސްނުވީ އެމަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 9 މެންބަރުންގެ ތާއީދު ނުލިބުމުގެ ސަބަބުންނެވެ.

އެގަރާރާ ދެކޮޅަށް އެމެރިކާ ވީޓޯކުރާނެ ކަމަށް ބެލެވިފައިވީނަމަވެސް އެގަރާރު ފާސްވާ މިންވަރަށް ވޯޓު ލިބިފައި ނުވާތީ ވީޓޯއާ ނުލައި އެގަރާރު ފޭލްކޮށްލާފައިވަނީ ސަލާމަތީ މަޖިލީހުގެ މެންބަރު ބައެއް ގައުމުތަކަށް އެމެރިކާ ފިއްތުންތައް ކުރިމަތިކޮށްގެން ކަމަށް ފަލަސްތީނުން ދެކެ އެވެ.

އުރުދުންއަކީ ސަލާމަތީ މަޖިލީހުގައި ހިމެނޭ ހަމައެކަނި އަރަބި ގައުމެވެ. ކުރިން ނާކާމިޔާބުވި ގަރާރުވެސް ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވަނީ އަރަބި ގައުމުތަކުގެ ތާއީދާއެކު އުރުދުން އިންނެވެ.

ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން 2017 ވަނަ އަހަރުގެ ނިޔަލަށް އިސްރާއީލު ފޭބުމަށް ގޮވާލައި މިދިޔަ ޑިސެމްބަރުމަހު ގެ 29 ވަނަ ދުވަހު އަރަބި ގައުމުތައް ގުޅިގެން ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އެމެރިކާއާއި އޮސްޓްރޭލިޔާއިންނެވެ. ސަލާމަތީ މަޖިލީހުގައި ހިމެނޭ ވީޓޯ ކުރުމުގެ ބާރުލިބިފައިވާ ތިން ގައުމުކަމަށްވާ ޗައިނާއާއި ރަޝިޔާއާއި ފަރަންސޭސިވިލާތުން އެ ގަރާރަށް ތާއީދުކޮށް ވޯޓު ދީފައިވާއިރު ވަކިކޮޅަކަށް ވޯޓު ދީފައިނުވާ ފަސްގައުމުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެ އެވެ. އިނގިރޭސިވިލާތާއި އިތުރު ހަތަރު ގައުމަކުން ވަކިކޮޅަކަށް ވޯޓު ދީފައިނުވަނީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން ކަމަށާ މިއީ މުސްތަގްބަލްގައި ބަދަލުކުރެވިދާނެ ކަމެއްކަމަށް ފަލަސްތީނާއި އަރަބި އެހެންގައުމުތަކުން ދެކެ އެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލައި ސަލާމަތީ މަޖިލީހަށް ހުށަހެޅި ފުރަތަމަ ގަރާރު އެމަޖިލީހުން ފާސްނުވުމާ ގުޅިގެން ފަލަސްތީނުގެ ރައީސް އައްބާސްވަނީ ބައިނަލްއަގްވާމީ ޖިނާއީކޯޓުގައި ބައިވެރިވުމުގެ މުޢާހަދާ ހިމެނޭގޮތަށް ބައިނަލްއަގްވާމީ ވިހި މުއާހަދާއެއްގައި ސޮއިކުރައްވައި އެ މުޢާހަދާތަކުގެ ބައިވެރިއަކަށް ފަލަސްތީން ހައްދަވާފައެވެ. މި މުޢާހަދާތަކުގައި ފަލަސްތީން ބައިވެރިވުމުން އިސްރާއީލާއި އިސްރާއީލުގެ ހަރުކަށި ކަމަށް ވާގިވެރިވާ އެމެރިކާގެ ރުޅިވެރިކަމާއި ފިއްތުންތައް ފަލަސްތީނަށް ވަނީ އަމާޒުވެފައެވެ. މިގޮތުން ފަލަސްތީނަށް ދޭ އިންސާނީ އެހީ މެދުކަނޑާލާނެކަމުގެ އިންޒާރު އެމެރިކާ ދީފައިވާއިރު އިސްރާއީލުންވަނީ ފަލަސްތީނުގެ ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބޭ ސަތޭކަ އެތަށް މިލިޔަން ޑޮލަރެއް ހިފަހައްޓާފައެވެ. (އަލްޖަޒީރާ)