ސިޑްނީ (ޖަނަވަރީ 5): އޮސްޓްރޭލިޔާގެ ދެކުނުގެ ސަރަހައްދުތަކުގައި އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލްނުވެ ފެތުރެމުން ދިޔުމުގެ ސަބަބުން އެތައްގެއެއް ރޯވެ، އަނދައިފި އެވެ.

ހޫނުގެ ސަބަބުން އޮސްޓްރޭލިޔާގެ ދެކުނުގެ ޖަންގަލިތަކުގައި އުފެދިފައިވާ އަލިފާންގަނޑު އެގައުމުގެ އެޑަލެއިޑް ސަރަހައްދަށް ފެތުރިފައިވާއިރު، އެ ސަރަހައްދުގެ ބައެއް ތަންތަނުގެ އާންމުންވަނީ ރައްކާތެރި ތަންތަނަށް ހިޖްރަކޮށްފައެވެ. ނަމަވެސް ބައެއް މީހުން އެމީހުން ރައްކާތެރިތަންތަނަށް ދިޔުމަށް މަސައްކަތް ނުކުރާތީ ސަރުކާރުންވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.

ރައްކާތެރި ތަންތަނަށް ނުދާމީހުން އެމީހުންގެ ސަލާމަތަށްޓަކައި ފިޔަވަޅުތަކެއް އަޅަމުން ދިޔަނަމަވެސް އަލިފާންގަނޑު ކޮންޓްރޯލްނުވެ ދިގުލާނަމަ މިފިޔަވަޅުތަކުން ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ. އަލިފާންގަނޑު ނިއްވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ކާމިޔާބު ލިބެމުން ނުދަނީ ހޫނުވައި ޖެހޭތީއާއި ހަނަފަސްކަމުން ކަމަށާ އެހެންކަމުން އަލިފާންގަނޑު ދަނީ ފެތުރިފުޅާވަމުން ކަމަށް ޚަބަރުތައް ބުނެ އެވެ.

މިއީ އޮސްޓްރޭލިޔާއަށް ހޫނު މޫސުމުގެ އެންމެ ހޫނު ދުވަސްވަރުކަމަށްވާއިރު ގިނަ އަހަރުތަކުގައި މިދުވަސްވަރު އޮސްޓްރޭލިޔާގެ ޖަންގަލިތަކުގައި ރޯވުމަކީ އެގައުމުގައި އާންމު ކަމެކެވެ. އޮސްޓްރޭލިޔާ ސަރުކާރުން ގެންދަނީ އިންސާނުންގެ އިތުރުން ޖަނަވާރުތަކާއި އެނޫންވެސް ދިރޭތަކެތި އަލިފާނުގެ ނުރައްކަލުން ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެޑަލައިޑް ސަރަހައްދަށް ފެތުރިފައިވާ އަލިފާންގަނޑުގެ ސަބަބުން އަނދާފައިވާ ގެތަކުގެ ތެރޭގައި ދެމީހަކު ގެއްލިފައިވާއިރު އެ ދެމީހުން އަނދާފައިވާ ކަމަށް ވަނީ ބެލެވިފައެވެ.

އޮސްޓްރޭލިޔާ ސަރުކާރު ބުނާގޮތުން އަލިފާނުގެ ސަބަބުން އެޑަލައިޑަށް ވަނީ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ގެއްލުންތައް ދެނެގަތުމަށް ފަންނީ ތަޖްރިބާކާރުންގެ ޓީމްތަކެއް އެސަރަހައްދަށް ފޮނުވާނެކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ. (ބީބީސީ)