ދިއްދޫ އަށް ދިމާވެފައިވާ ގޭހުގެ ދަތިކަމަށް މާދަމާ ހައްލެއް ލިބޭވަރުވާނެ ކަމަށް މޯލްޑިވް ގޭހުން މިއަދު ބުނެފި އެވެ.

މޯލްޑިވް ގޭހުގެ އައު އިމާރާތެއް ހުޅުމާލޭގައި އަޅަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ވިދާޅުވީ ގޭހުގެ ހިދުމަތް ދިއްދޫ އަށް ދިނުން ފެނަކައިން ހުއްޓާލުމުގެ ކުރިން މޯލްޑިވް ގޭހާ އެ ކުންފުންޏާ މެދު މުއާމަލާތް ކުރެވުނު ނަމަވެސް ކުއްލި ގޮތަކަށް ގޭހުގެ ކަންތައް ހަމަޖައްސަން ޖެހުމުން ދަތިތަކާ ކުރިމަތިވީ ކަމަށެވެ.

"ފެނަކައިން ހުއްޓާލީމަ އަޅުގަނޑުމެން ފުޅިތައް ނަގާނީ. އެކަމަކު އެބޭފުޅުން [ފެނަކަ] ހުއްޓާލިކަން ޑިކްލެއާ ކުރީމަ އަޅުގަނޑުމެންނަށް އެ ފުޅިތައް ދޫކުރެވޭނީ އެހެން ފަރާތަކަށް. މިރޭ ނޫނީ މާދަމާގެ ވަގުތެއްގައި އެ ފުޅިތައް އަޅުގަނޑުމެންނަށް ލިބުނީމަ އަލުން ރިފިލް ކޮށްފަ އެކޮޅަށް ފޮނުވާނަން،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިވަގުތު ވެސް ދިއްދޫގައި ގޭސް ހުރި ކަމަށާއި ނަމަވެސް ފެނަކައިން ގޭސް ފޯރުކޮށްދިނުން ހުއްޓާލުމުން ފެނަކައިން ގޭސް ނަގާ ފަރާތްތަކަށް އެކަމުގައި ދަތިތަކެއް ކުރިމަތިވީ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި ދިއްދޫއަށް ގޭސް ލިބޭނެކަމަށް މައުމޫން ވިދާޅުވި އެވެ.

އާބާދީގައި 4081 މީހުން ރަޖިސްޓްރީކޮށްފައިވާ އަދި އަތޮޅުގެ ގިނަ ބަޔަކު އެތައް ބޭނުމެއްގައި ހިޖުރަކޮށްފައިވާ ދުއްދޫގައި 821 ގެއެއްގައި މީހުން ދިިއުޅެއެވެ. އެރަށަށް ގޭހުގެ ދަތިކަން ކުރިމަތިވެފައިވާތާ މިހާރު ވަނީ ދެތިން ދުވަސް ވެފައިކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެ އެވެ.