އެމްޑީޕީގެ ވިޕްލައިނާ ހިލާފުވި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެމްޑީޕީގެ މެމްބަރު ކަމުން ވަކިކުރުމަށް އެ ޕާޓީން ނިންމުމުން އެ މައްސަލަ ހިނގާދިޔަ ގޮތް ބަލައިދިނުމަށް މޫސަ ހުށަހެޅުއްވި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލު "ސަން" އާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އެމްޑީޕީ އިން މޫސަ ވަކިކުރެއްވި މައްސަލައާ މެދު ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި ގޮތެއް ނިންމަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ އެ މައްސަލަ ބަލަމުން. ކުރިއަށް އޮތް ދެ ހަފްތާއެއް ތެރޭ އެ މައްސަލައާ މެދު ގޮތެއް ނިންމޭތޯ އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން. އެހެން ނަމަވެސް މިހެން ދެންނެވިއަސް ސީދާ މައްސަލަ ނިންމާލެވޭނީ ކޮން ދުވަހަކު ކަމެއް ދަންނަވަން އަދި ދަތި. ދެން އަޅުގަނޑުމެން މިހާރު ވާނީ މޫސަ މަނިކު އެމްޑީޕީ އިން ވަކިކުރެއްވި މައްސަލައިގެ ލިޔެކިއުންތައް ފޮނުވުމަށް އަންގަވާފައި،" ޝަކީލް ވިދާޅުވި އެވެ.

ހުޅުހެންވޭރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މޫސަ "ސަން"އަށް މިރޭ ވިދާޅުވީ އެމްޑީޕީ ވަކި ކުރި ކަމުގެ ލިޔެކިއުންތައް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން އޭނާ އަންގާފައިވާ ކަމަށެވެ. އަދި އެ ލިޔެކިއުންތައް މިހާރު ހުށަހަޅުއްވަފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

އެމްޑީޕީން މޫސަ ވަކިކުރި މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލުމުން އަންނައިރު މޫސަ މިއަދު ވަނީ އޭނާ އެ ޕާޓީން ވަކި ކުރި މައްސަލަ އެމްޑީޕީގެ އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅުއްވާފަ އެވެ. މޫސަ ވިދާޅުވީ އެމްޑީޕީ އިން އޭނާ ވަކިކުރަން ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ޕާޓީގެ ފަހު ބަސް ބުނާ އިސްތިއުނާފު ކޮމެޓީއަށް މައްސަލަ ހުށަހަޅުއްވާފައިވާނެ ކަމަށެވެ.