ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފުގެ ނަމުގައި ނ. އަތޮޅުގައި ކުރިޔަށް ގެންދިޔަ "ޢަލީ މައުރޫފު އިންވިޓޭޝަނަލް ފުޓުބޯޅަ ޓޯނަމެންޓް"ގެ ޗެމްޕިއަންކަން މަނަދޫ ޓީމު ހޯދައިފި އެވެ.

މަނަދޫ ޗެމްޕިއަންކަން ހޯދީ އިއްޔެ ހަވީރު ކުޅުނު މި މުބާރާތުގެ ފައިނަލު މެޗުގައި ލަންދޫ އާއި ވާދަކޮށް 4-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މަނަދޫ ޓީމުގެ ގޯލް ކީޕަރު، އަހުސާން އިޝްހާގު އެވެ.



މި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަށް ހޮވުނީ، ހެނބަދޫ ޓީމުގެ ޖޯޒީ ނަންބަރު 10، ހުސެއިން އަބްދުﷲ އާއި ލަންދޫ ޓީމުގެ ޖޯޒީ ނަންބަރު ދޭއް ހުސެއިން ސޮބާހު އަދި މަނަދޫ ޓީމުގެ ޖޯޒީ ނަންބަރު 10، މުހައްމަދު ޖޫދު އެވެ.



މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ މަނަދޫ ޓީމުގެ ގޯލް ކީޕަރު، އަހުސާން އިޝްހާގު އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ، ލަންދޫ ޓީމުގެ ޖޯޒީ ނަންބަރު ހަތެއް، އަހުމަދު ސަމާހު އާއި ލަންދޫ ޓީމުގެ ޖޯޒީ ނަންބަރު 10، ނައުޝާދު އަބްދުއްރަހީމު އާއި ލަންދޫ ޓީމުގެ ޖޯޒީ ނަންބަރު ދޭއް، ހުސެއިން ސޮބާހު އާއި ކުޑަފަރީ ޓީމުގެ ޖޯޒީ ނަންބަރު 13، އަލީ ސަމްދޫހު މުހައްމަދު އަދި މަނަދޫ ޓީމުގެ ޖޯޒީ ނަންބަރު 11، އަބްދުﷲ އިޝާން އެވެ.



މި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ހެނބަދޫ ޓީމެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ މަނަދޫ ޓީމުގެ ކޯޗު، އަހުމަދު ޝުޖާއު އެވެ.

މި މުބާރާތުގައި ޖުމުލަ އަށް ޓީމު ވާދަކޮށްފައިވެ އެވެ. އެއީ، ކުޑަފަރީ އާއި މާޅެންދޫ އާއި ހެނބަދޫ އާއި ލަންދޫ އާއި މަނަދޫ އަދި ޅޮހި މީން ކޮންމެ ރަށަކުން އެއް ޓީމާއި ކެނދިކުޅުދޫ އިން ދެ ޓީމެވެ. ކެނދިކުޅުދޫން ވާދަކުރީ ކޭކޭ ސްޓާ އަދި ކޭކޭ ޔުނައިޓެޑެވެ.



ޗެމްޕިއަން ޓީމާއި ރަނައަޕް ޓީމަށް ތަށި އަދި ފައިސާގެ އިނާމުގެ އިތުރުން މެޑެލް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު އެވެ. އެ ދެބޭފުޅުންނަކީ ވެސް ނ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ދެބޭފުޅުންނެވެ.



މުބާރާތުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ އަދި ރަނައަޕް ޓީމަށް 15000 ރުފިޔާ އަލީ މައުރޫފު ހުށަހަޅުއްވައިފައިވެ އެވެ.

އިންތިޒާމުތައް ވަރަށް ރަނގަޅު ފެންވަރެއްގައި ކުރިޔަށް ގެންދިޔަ މި މުބާރާތު ވިލަރެސް ކޮމެޓީގެ އެންމެ އިސްކޮށް ހުންނެވީ ރާއްޖޭގެ ފުޓުބޯޅައިގެ ގޯލްޑް ކެޕްޓަން އަސްއަދު އަބްދުލް ޣަނީ އެވެ.



މުބާރާތުގެ މެޗުތައް ކުރިޔަށް ދިޔަ އިރު ޓީމުތައް ބައިވެރިވި ރަށްރަށުންނާއި އެ ނޫން ރަށްރަށުން ވެސް ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޑަފަރީ އަށް ގޮސްފައިވެ އެވެ.