ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގުމަށް މަސައްކަތް ކުރި 11 މީހަކު ފުލުހުން އަތުލައިގެންފި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި މިރޭ 11:20 ކަންހާއިރު ބުރުޒުމަގާއި ހިލާލީމަގު ގުޅޭ ކަންމަތީގައި ހިންގަން މަސައްކަތް ކުރި އެމާރާމާރީ ފުލުހުން ހުއްޓުވާފައިވަނީ މާ ބޮޑު ހަމަނުޖެހުމެއް ނުހިނގައިވަނިކޮށެވެ. ނަމަވެސް އެމާރާމާރީ ކޮންޓުރޯލް ކުރަން އުޅުނު ފުލުހެއްގެ ބޯ ފަޅައިގެން ދިއުމުން އޭނާއަށް މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.

މަންޒަރު ދުއް މީހަކު ސަން އަށް ކިޔައިދިން ގޮތުގައި ދެ ސައިކަލެއްގައި ދިޔަ ދެ މީހަކު އެކަންމަތީގައި ތިބި ގުރޫޕަކަށް ހަމަލާދޭން ދިޔައީ ވަޅިއާއި ފުރޯ ތިލަ ފަދަ ތަކެތި ހިފައިގެން ނެވެ. ނަމަވެސް މާރާމާރީ މާ ބޮޑަށް ނުހިންގެނީސް ފުލުހުން އެމީހުން ހައްޔަރު ކުރުމުން އެކަކަށް ފިޔަވައި އެހެން މީހުންނަށް މާ ބޮޑު ޒަޚަމެއް ލިބިފައިނުވެއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީ ހިންގި މައްސަލައެއްގައި 11 މީހަކު ތޫނު ހަތިޔާރާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމާރާމާރީ ކޮންޓުރޯލް ކުރަން އުޅުމުގެ ތެރެއިން އަނިޔާވި ފުލުހުންގެ މީހާއަށް ފަރުވާ ދެމުންދާ ކަމަށެވެ. ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ބިރުދެއްކުމާއި ނުރައްކާތެރިހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހުގައި ވަނީ ތޫނު އެއްޗަކުން ނުވަތަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ އުފުލާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހޭ ކަމަށެވެ.