04 Jan 2015, 22:47
ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ މައްސަލާގައި މައާފަށް އެދެން އެންގި ފަސް މެމްބަރުން މައާފަށް އެދިވަޑައިގެންފި އެވެ.
ފަނޑިޔާނުން ވަކިކުރުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެ ފަނޑިޔާރުން ވަކި ކުރުމާ ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީން އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންނަށް ތުރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ވިޕްލައިނާ ހިލާފުވި މެމްބަރުންނަކީ ވައިކަރަދޫ ދާއިރާގެ މުހައްމަދު ނާޒިމް އާއި ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީނާއި މުލަކު ދާއިރާގެ އިބްރާހިމް ނަސީރާއި ފެލިދޫ ދާއިރާގެ އަހުމަދު މަރުޒޫގާއި ކުރެންދޫ ދާއިރާގެ އަބްދުލްބާރީ އަބްދުﷲ އާއި ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު އެވެ.
އެ ފަސް މެމްބަރުން މައާފަށް އެދި ފޮނުވި ސިޓީ ވަނީ އެމްޑީޕީގެ ވެބް ސައިޓުގައި އާންމުކޮށްފަ އެވެ.
ވިޕްލައިނާ ހިލާފުވެގެން މެމްބަރު ނާޒިމް ވަނީ އެމްޑީޕީގެ އިންތިހާބީ މަގާމުތަކުން ވަކިކޮށްފަ އެވެ. މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ތަމްސީލު ކުރާ ކޮމިޓީތަކުގެ މުގައްރިރު ކަމުންނާއި ނައިބު މުގައްރިރުކަމުން އޭނާ ވަނީ ދުރުކޮށްފަ އެވެ. އަދި އެމްޑީޕީގެ އެތެރޭގެ ކޮމިޓީތަކުގެ މެމްބަރުކަމުން ތިން މަސް ދުވަހަށް ނާޒިމް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އެމްޑީޕީން ތަމްސީލު ކުރުމުން ވެސް އޭނާ ވަނީ ހަތަރު މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ނަގާ ވޯޓުތަކުގައި ބައިވެރިނުވެވޭ ގޮތަށް ތިން މަސް ދުވަހަށް ނާޒިމް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައި ވަނީ ނާޒިމަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެމްޑީޕީގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭ ގޮތަށާއި އެތެރޭގެ އެއްވެސް ޕްރައިމަރީއެއްގައި ބައިވެރިވެވަޑައި ނުގަނެވޭ ގޮތަށް ސަސްޕެންޑުކޮށްފަ އެވެ. މަގުބޫލު އުޒުރެއް ނެތި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނަކާ ހިލާފުވެއްޖެނަމަ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް ނާޒިމަށް ކުރިމަތި ނުލެއްވޭނެ ގޮތަށް ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމާފަ އެވެ.
ޔާމީނާއި ބާރީ އާއި މަރުޒޫގާއި ނާސިރަށް ވެސް ވަނީ ފިޔަވަޅެއްގެ ގޮތުން ޕާޓީގެ އިންތިހާބީ އަދި އައްޔަންކުރެވިފައިވާ އެންމެހާ މަގާމުތަކުން ވަކިކޮށްފަ އެވެ. އަދި އެ ތިން މެމްބަރުން ވަނީ މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރު ކަމުންނާއި ނައިބު މުގައްރިރު ކަމުގެ ޒިންމާތަކުން ވެސް ވަނީ ވަކިކޮށްފަ އެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ނަގާ ވޯޓުތަކުގައި ބައިވެރިނުވެވޭ ގޮތަށް ހަ މަސް ދުވަހަށް އެ ތިން މެމްބަރުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރުގައި އެމްޑީޕީ ތަމްސީލު ކުރުން ވެސް އެ ތިން މެމްބަރުންނަށް ވަނީ އަހަރު ދުވަހަށް މަނާކޮށްފަ އެވެ.
މަގުބޫލު އުޒުރެއް ނެތި އެމްޑީޕީގެ ޕީޖީގެ ވިޕްލައިނަކާއި ހިލާފުވެއްޖެ ނަމަ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެއްވޭނެ ގޮތަށް އެ ތިން މެމްބަރުންނާމެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެ ފަސް މެމްބަރުން މައާފަށް އެދި ސިޓީ ފޮނުވާފައިވާއިރު ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މުސާ މަނިކު އެމްޑީޕީ އިން ވަކި ކުރި މައްސަލަ އެޕާޓީގެ އިސްތިއުނާފު ކޮމިޓީ އަށް ވަނީ ހުށައަޅާފަ އެވެ.
ޕާޓީން ވަކިކޮށްފައިވާ މޫސަ އަލުން ޕާޓީއާ ގުޅެން ބޭނުންވެއްޖެ ނަމަ އެކަން ކުރެވޭނީ އޭނާއާ އެކު އިތުރު 50 މެމްބަރުންގެ ސޮއާއެކު މެމްބާޝިޕް ފޯމް ހުށަހެޅުމުންނެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށާއި ޕާޓީއަށް އަލުން ގުޅިވަޑައިގަންނަވާ ތާރީހުން ފެށިގެން ފަސް އަހަރު މުއްދަތުގެ ތެރޭގައި ޕާޓީގެ އެއްވެސް މަގާމަކަށް ވާދަ ނުކުރެވޭނެ ކަމަށް ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ނިންމާފައިވެ އެވެ.