04 Jan 2015, 21:19
ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ބައިނަލްއަގްވާމީ ފެންވަރުގެ ލެވަލް ތިނެއްގެ ހޭންޑްބޯލް ރެފްރީ ކޯހުން ފާސްވި 25 ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
އެ ކޯހުގެ ބައިވެރިންނަށް ސެޓްފިކްޓް ހަވާލުކޮށްފައި ވަނީ މިއަދު ބޯޅަ ގެގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ސެޓްފިކްޓް ހާވާލުކޮށްދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މޯލްޑިވްސް ރެޑް ކްރެސެންޓުގެ ސެކްރެޓެރީ ޖެނެރަލް އަބްދުއްރައްޒާގް އިބްރާހިމް އެވެ.
އެ ރަސްމިއްތުގައި ކޯހުގެ ބައިވެރިންނަށް ސެޓްފިކްޓް ހަވާލުކުރުމުގެ އިތުރުން އެ ކޯހުގެ އިންސްޓްރަކްޓަރު އަދި ގައުމީ ހޭންޑްބޯލް ޓީމްގެ ކޯޗް މުހައްމަދު ޝާން ވަނީ ކޯހުގެ ބައިވެރިންނަށް ހޭންޑްބޯލް ރެފްރީންގެ ކޯޑް އޮފް އެތިކްސް ލައިދެއްވާފައެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހުން 30 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ ހޭންޑްބޯލް ރެފްރީ ކޯހުގައި މުޅިއަކު 30 މީހަކު ބައިވެރިވިއިރު، އެ ކޯހުން ފާސްވީ 25 މީހެކެވެ. އެ ކޯހުގައި ބައިވެރިވި 17 ފިރެހެނަކު ވަނީ ފާސްވެފައެވެ. އެއީ އަހުމަދު ސާއިފް ނައީމް އާއި ރިޟުވާން އާދަމާއި އަލީ ނަސީރު އާއި ޝާމިން އިބްރާހިމާއި ރިޝްވާން ރަޝީދު އާއި އަބްދުﷲ ނަޖީބު އާއި އިބްރާހިމް އަލީ ދީދީ އާއި އިބްރާހިމް އާއިދު މުހައްމަދު އާއި މޫސާ މުހައްމަދު އާއި ޔޫސުފް އަހުޒާބު އާއި މުހައްމަދު ފިރުނާޝް އާއި އަބްދުﷲ މޫސާ އާއި އަބްދުﷲ ސަމީހު އާއި ހަސަން ނިހާން އާއި މުތީއު އިސްމާއިލް އާއި ހުސައިން ހަސަން އަދި ހަންމާދު ނާބިއު ހަސަން އެވެ.
ފިރެހެން ބައިވެރިންގެ އިތުރުން އަށް އަންހެން ބައިވެރިއަކުވެސް ވަނީ އެ ކޯސް ފުރިހަމަ ކޮށްފައެވެ. އެ ކޯސް ފުރިހަމަ ކުރި އަންހެން ބައިވެރިންގެ ތަރޭގައި ހިމެނެނީ އައިމިނަތު އަލީ އާއި ފާތިމަތު ޝިޒްލީނާއި މަރިޔަމް ނާއިރާ މުހައްމަދާއި މަރިޔަމް އަނީފާ އާއި ފާތިމަތު ނަޒްރާ އާއި ނަޝީދާ ސައީދު އާއި އައިޝަތު ހިދާޔާ މުހައްމަދު އަދި މަޔާ އަހުމަދު ރަޝީދު އެވެ.
ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކުރުމަށްފަހު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރައްޒާގް އިބްރާހިމް ވަނީ އެ ކޯހުގެ ބައިވެރިންނަށް ރެފްރީކަން ކުރުމުގައި އެންމެ ރަނގަޅު ނިންމުންތައް ނިންމުމަށް އިސްކަން ދިނުމަށާއި، އެހެން ފަރާތްތަކާ މުއާމަލާތު ކުރުމުގައި ރިވެތި އުސޫލުތައް ގެންގުޅެން ބާރު އަޅާފައެވެ. އަދި އެއްބައިވަންތަ ކަމާއެކު މަސައްކަތް ކޮށްފިނަމަ ހޭންޑްބޯލް އަކީ ރާއްޖޭގައި ބޮޑު ކުރިއެރުމެއް ލިބޭނެ ކުޅިވަރެއް ކަމަށާއި، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން ބައިނަލްއަގްވާމީ ހޭންޑްބޯލް މުބާރާތްތަކުގައި ރާއްޖޭގެ ރެފްރީން ރެފްރީކަން ކުރާތަން ފެނިގެން ދާނެކަމަށް އުންމީދު ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުޅިއަކު 10 ދުވަހުގެ މުއްދަތަށް ހިންގި އެ ކޯހުގައި ހޭންޑްބޯލް ރެފްރީކަން ކުރުމުގެ ޕްރެކްޓިކަލް ސެޝަންތަކަކާއި ތިއަރީ ސެޝަން ތަކެއް ކުރިއަށް ގެންގޮސްފައި ވާއިރު، އެ ކޯހުގައި ކިޔަވަދިން ބައިތަކުގެ ތެރޭގައި ހޭންޑްބޯލްގެ ގަވާއިދުތަކާއި، ރެފްރީންގެ ގަވައިދުތަކުގެ އިތުރުން ކްލެރިފިކޭޝަން އާއި ސްކޯ ޝީޓު ފުރާނެ ގޮތް އަދި ޓޭބަލް އޮފިޝަލްކަން ކުރާނެ ގޮތްވެސް ހިމެނެއެވެ.