ޕާސްޕޯޓުގައި ތައްގަނޑު ޖަހާނެ ޖާގަ ނެތިގެން، ދިވެހި ދެމަފިރިއަކާއި ތުއްތު ދަރިފުޅު ތައިލޭންޑުގެ ބެންކޮކުގައި ތާށިވެއްޖެ އެވެ. ބެންކޮކަށް އެތެރެނުވެވި އެއާޕޯޓުގައި ތާށިވެފައި ވަނީ ފިލްމީ ތަރި، އަދި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަބްދުﷲ މުއާޒު (މުއާ) އާއި އޭނާގެ އަންހެނުން ޝާޔަން އަދި ހަ މަހުގެ ދަރިފުޅެވެ.

ސަން އަށް މައުލޫމާތު ދެމުން ބެންކޮކްގައި ތާށިވެފައިހުރި މުއާ ބުނީ ހަ މަހުގެ ދަރިފުޅާއެކު ބެންކޮކަށް ދިޔައީ މެލޭޝިއާ މަގުން މިއަދު ހެނދުނު ކަމަށެވެ. ނަމަވެސް ޕާސްޕޯޓުގައި އިމިގްރޭޝަނުން ސްޓޭޕް ޖަހާނެ ޖާގަ ނެތިގެން އެނބުރި މާލެ ދިއުމަށް އެ މީހުން އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެ މީހުން ވިސާ ނުދީ އަނބުރައި މާލެ ދާށޭ ޖެހޭނީ ބުނީމާ އަނެއްކާ ހުރިހާ ޓިކެޓެއް ގަނެގެން މާލެ ދަނީ. މާލެ ދެވޭނީ މެލޭޝިއާ މަގުން މާދަމާ ރޭ،" ވައިބާ މެދުވެރިކޮށް މުއާ ފޮނުވި މެސެޖެއްގައި ބުންޏެވެ.

މުއާގެ ދެމަފިރިންނަށް އެންމެ އަވަހަށް ވެސް ބެންކޮކުން ފުރެން އޮތީ 12 ގަޑިއިރު ފަހުންނެވެ.

މުއާގެ އަންހެނުން އަދި މެގަ މޯލްޑިވްސް ގެ ޕަބްލިކް ރިލޭޝަން މެނޭޖަރު އައިމިނަތު ޝާޔަންގެ ފޭސްބުކްގައި ބުނެފައި ވަނީ އެ މައްސަލާގައި އެ މީހުން ބައިތިއްބާފައި ތިބީ އެކަހަލަ މައްސަލަތަކުގައި މީހުން ބައިތިއްބާ ކޮޓަރި ގަނޑެއްގައި ކަމަށެވެ.

"ދަރިފުޅު ބަނޑުހައިވެގެން ރޯތީ އެތާ މީހުން ކައިރީ ބުނިން ދަރިފުޅަށް ކާން ދިނުމަށާއި ނެޕީ ބަދަލުކޮށްލަން ކޮޓަރިއެއް ދައްކައިދޭން. ނަމަވެސް އެކަކު ވެސް އަޅައެއް ނުލި. ފަހުން އަންހެން އޮފިސަރަކު އައިސް އޭނާގެ އޮފީސް ދެއްކި ދަރިފުޅަށް ކާން ދޭން،" މުއާގެ އަންހެނުން ޝާޔަންގެ ފޭސްބުކުގައި ބުނެފައިވެ އެވެ.