04 Jan 2015, 19:10
މޯލްޑިވް ގޭސްގެ ހަތަރު ބުރީގެ އިމާރާތެއް ހުޅުމާލޭގައި ގާއިމް ކުރުމުގެ ބިންގާ އަޅައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ހުޅުމާލޭގައި މިއަދު ހަވީރު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވައި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނެވެ.
ބިންގާ އަޅުއްވައިދެއްވުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ ހުޅުމާލޭގައި އެ ކުންފުނީގެ އިމާރާތެއް ގާއިމް ކުރުމުގެ ބޭނުމަކީ އެ ކުންފުނީގެ ގޭސް ޑިސްޓްރިބިއުޝަން މިހާރަށްވުރެ ފުޅާކުރުން ކަމަށެވެ. އަދި ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު އެ ފަރާތްތަކަށް ފަސޭހައިން ގޭސް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްލަ ގާތްގަނޑަކަށް ހަތަރު މިލިއަން ދިވެހި ރުފިޔާގެ ބަޖެޓެއް ހޭދަވާ އެ ޕްރޮޖެކްޓްގެ ދަށުން އިމާރާތުގައި އެކުންފުނީގެ އޮފީހަކާއި ޝޯރޫމެއްގެ އިތުރުން ކަސްޓަމާ ސާވިސް ދޭނެ ތަނެއް ހުންނާނެ ކަމަށެވެ. އަދި ގޭސް ސްޓޯރޭޖް ރޫމެއް ވެސް ހުންނާނެ ކަމަށާއި ބަދިގޭގައި ހިފައިގެންގުޅޭ ސާމާނާއި ރައްކާތެރިކަމަށް ބޭނުންވާތަކެތި އެތަނުން ލިބޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"މިތަނުގައި އެ ހުރިހާތަނެއްގެ އިތުރުން ގޭހުގެ ސްޓޯރޭޖެއް ވެސް ހެދޭނެ. އެއީ ފުޅިތަކަށް އެލްޕީޖީ އަޅައިގެން ގެނެސް މިހާރު ކޮންމެ ދުވަހަކު ވެސް އެދުވަހަކަށް ވާވަރަށް މި ގެންނަނީ. ކުރިއަށް އޮތް ތާގައި އޭގެ ބަދަލުގައި މިކޮޅުގައި ހަފްތާއަކަށް ނޫނީ އެއަށްވުރެ ގިނައިންވެސް ބޭނުންވާ ވަރަށް ސްޓޮކް ކުރެވޭނެ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ "އަލާފް ޕްރައިވޭޓް ލިމިޓެޑް" އާއި އެކު ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ އެ ޕްރޮޖެކްޓް 120 ދުވަސް ތެރޭގައި ނިންމާލެވޭވަރުވާނެ ކަމަށެވެ.