ޑޮކްޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ ފެންވަރު ރަގަޅު ބޭފުޅުން ތޯ ބެލުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިސަންސިން އިމްތިހާނެއް ދިނުމަށް ނިންމައިފި އެވެ.

މެޑިކަލް ކައުންސިލްގެ މެންބަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ އަފީފު މިއަދު 'ސަން' އަށް ވިދާޅުވީ، 31 ޑިސެމްބަރު 2013ގެ ފަހުން މެޑިކަލް ކައުންސިލުގައި ރެޖިސްޓްރީ ކުރެވިފައިވާ ދިވެހި އަދި ބިދޭސީ އެމްބީބީއެސް ޑޮކްޓަރުން އެ އިމްތިހާނުގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ. ނަމަވެސް ސްޕެޝަލިސްޓް ޑޮކްޓަރުން އެ އިމްތިހާނު ހަދަން ނުޖެހޭނެ ކަމަށް ޑރ. އަފީފް ވިދާޅުވި އެވެ.
'
އަހަރަކު ތިން ފަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ އެ އިމްތިހާނުގެ ފުރަތަމަ ބުރު މިމަހު ހަތް ވަނަ ދުވަހު ބާއްވަން އެ ކައުންސިލުން ވަނީ ހަމަ ޖައްސާފަ އެވެ. އަދި އެ ތިން ފަހަރުވެސް އިމްތިހާނުގައި ބައިވެރި ނުވާ ޑޮކްޓަރުންނަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ދީފައިވާ ހުއްދަ ބާތިލް ކުރެވޭނެ ކަމަށް ޑޮކްޓަރު އަފީފު ވިދާޅުވި އެވެ.

ދެ ކަރުދާހެއް ހިމެނޭ އެ އިމްތިހާނުގައި، ޖުމްލަ 300 ސުވާލު ހިމެނޭނެ ކަމަށް މޯލްޑިވް މެޑިކަލް ކައުންސިލުން ބުންޏެވެ. އިމްތިހާނުގެ ފުރަތަމަ ބުރުގައި ބައިވެރިވާން ބޭނުންވާ ޑޮކްޓަރުން އިމްތިޙާނުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް، މެޑިކަލް ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑު ކުރެއްވުމަށް ފަހު މިމަހުގެ ހަވަނަ ދުވަހުގެ ކުރިން އެ ކައުންސިލަށް ހުށައެޅުއްވުމަށް އެ ކައުންސިލުން ވަނީ އެދިފަ އެވެ.

ލައިސެންސިން އިމްތިޙާނު ދިނުމުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަކީ ފެންވަރު ރަނގަޅު ޑޮކްޓަރުން ކަމުގައި ހެދުން ކަމަށް މޯލްޑިވްސް މެޑިކަލް ކައުންސިލުން ބުންޏެވެ.