ބޭންކް އޮފް މޯލްޑިވްސް އިން ރުފިޔާ އެކައުންޓާއި ޑޮލަރު އެކައުންޓްގެ ފީތައް މި މަހުން ފެށިގެން ބޮޑުކޮށްފި އެވެ.

ބީއެމްއެލްގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ މި މަހުގެ އެެއް ވަނަ ދުވަހުން ފެށިގެން ކަރަންޓް އަދި ސޭވިންގް އެކައުންޓުގައި މަދުވެގެން 200 ރުފިޔާ ހުންނަން ޖެހޭއިރު ޑޮލަރު އެކައުންޓުގައި މަދުވެގެން 50 ޑޮލަރު ހުންނަން ޖެހޭ ކަމަށެވެ. ކުރިން ބީއެމްއެލުން ކަނޑައަޅާފައި ވަނީ ރުފިޔާ އެކައުންޓުގައި މަދުވެގެން 100 ރުފިޔާ އަދި ޑޮލަރު އެކައުންޓުގައި 10 ޑޮލަރު ބެހެއްޓުމަށެވެ.

އޭނާ ވިދާޅުވީ މި އަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލޭގެ ހުންނަ ބީއެމްއެލްގެ ކައުންޓަރުތަކުން ރުފިޔާ ޖަމާކޮށް ނުވަތަ ނަގާނަމަ 10،000 ރުފިޔާ އަށް ވުރެ މަދު އަދަދެއްނަމަ ފަސް ރުފިޔާ ނަގާނެ ކަމަށެވެ. އަދި ޑޮލަރުން ނަމަ 640 ޑޮލަރަށް ވުރެ މަދު އަދަދެއް ނަމަ އެއް ޑޮލަރު ނަގާނެ އެވެ.

"ބީއެމްއެލުން ގެނެސްފައިވާ މި ބަދަލުތަކަކީ އެހެން ބޭންކްތަކާ އަޅާބަލާއިރު ކުޑަ ފީސިބަލް މިންވަރެއް، މާލޭގެ ކައުންޓަރު ތަކުން ފައިސާގެ މުއާމަލާތް ކުރާނަމަ ޗާޖް ކުރަނީ ފައިސާ ޖަމާކުރެވޭ މެޝިންތައް މާލޭގައި ބަހަައްޓާފައިވާ އިރުވެސް ކައުންޓަރުތަކުން ހިދުމަތް ހޯދާނަމަ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލުން މިއަދު އާއްމު ކުރި ޝެޑިއުލް އޮފް ޗާޖަސްގައިވާ ގޮތުގައި ކަރަންޓް އަދި ސޭވިން ރުފިޔާ އެކައުންޓެއް ހުޅުވާދޭނީ 200 ރުފިޔާ އަށެވެ. އަދި ޑޮލަރު އެކައުންޓެއް 50 ޑޮލަރަށް ހުޅުވާދޭއިރު ޔޫރޯ އެކައުންޓެެއް ހުޅުވާދިނުމަށް ހަމަޖެހިފައި ވަނީ 100 ޔޫރޯ އަށެވެ.

މުއާމަލާތް ނުކުރާތާ ދެ އަހަރު ދުވަސް ވެފައިވާ ރުފިޔާ އެކައުންޓްތަކުން މަހަކު 50 ރުފިޔާ އަދި ޑޮލަރު އެކައުންޓްތަކުން ތިން ޑޮލަރު ޗާޖުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރުފިޔާ އެކަންޓްތަކަށް ޗެކް ފޮތްދޫކުރާއިރު ގަނޑަކަށް 1 ރުފިޔާ އަދި ޑޮަލަރު އެކައުންޓްތަކަށް ނަމަ 10 ސެންޓް ޗާޖްކުރާނެ އެވެ.