ރާއްޖޭގެ ސްވިމިންގ އެސޯސިއޭޝަނުން މި އަހަރު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތައް ތާވަލް ކުރުމަށްފަހު މި އަހަރަށް އެކުލަވާލި އިންތިގާލީ ކަލަންޑަރެއް އެ އެސޯސިއޭޝަނުން ހާމަކޮށްފި އެވެ.

މި އަހަރު ހިންގަން ހަމަޖެހިފައިވާ ހަރަކާތަކުގެ އިންތިގާލީ ކަލަންޑަރެއް އެ އެސޯސިއޭޝަނުން 'ސަން' އާ ހިއްސާކޮށްފައި ވާއިރު، އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓެރީ މުހައްމަދު ޝާރިފް ވިދާޅުވީ، އެ ކަލަންޑަރު އަދި މުޅިން ފައިނަލް ކޮށްފައި ނުވާކަމަށާއި، އެ ކަލަންޑަރު ފައިނަލް ކުރެވޭނީ އެ އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ފަހު ކަމަށެވެ.

ސްވިމިންގް އެސޯސިއޭޝަނުން މި އަހަރުތެރޭ ހިންގަން ރާވާފައިވާ ބައެއް ހަރަކާތްތަކަށް ބަލާލާއިރު، އެ އެސޯސިއޭޝަނުން ބާއްވާ ހަތްވަނަ ސްވިމާސް ޑިވަލޮޕްމަންޓް ޕްރޮގްރާމް (އެސްޑީޕީ) ފެތުމުގެ މުބާރާތް އަންނަ މަހުގެ ފަހުކޮޅު ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. އެ އެސޯސިއޭޝަންގެ އެސްޑީޕީ ޕްރޮގްރާމްގެ ފެތުންތެރިންގެ ތަމްރީނުތައް މިއަދު ފަށާފައި ވާއިރު، އެ ތަމްރީނުތައް ހެނދުނާއި މެންދުރުގެ އިތުރުން ރޭގަނޑުވެސް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

އެސްޑީޕީ ހަތްވަނަ ފެތުމުގެ މުބާރާތުގެ އިތުރުން އެސްޑީޕީ އަށްވަނަ ފެތުމުގެ މުބާރާތްވެސް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެ އެސޯސިއޭޝަނުން ވަނީ ކުރިއަށް ގެންދަން ނިންމާފަ އެވެ.

މި އަހަރު ސްވިމިންގް އެސޯސިއޭޝަނުން ގައުމީ ފެންވަރެއްގައި ބާއްވަން ރާވާފައިވާ މުބާރާތްތަކަށް ބަލައިލާއިރު، މި އަހަރުގެ މާޗް މަހު ނެޝަނަލް އޯޕަން ވޯޓާ ކޮމްޕެޓިޝަން ބާއްވަން އެ އެސޯސިއޭޝަނުން ވަނީ ރާވާފައެވެ. އަދި އޯގަސްޓު މަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްވިމާސް ޗެލެންޖިންގް ޓްރޮފީ މުބާރާތާއި އެސޯސިއޭޝަން ޗެންޕިއަންޝިޕް ބާއްވަން ރާވާފައި ވާއިރު، ގައުމީ ފެތުމުގެ މުބާރާތް ބާއްވަން އެ އެސޯސިއޭޝަނުން ރާވާފައި ވަނީ ޑިސެންބަރު މަހުގެ ތެރޭގައެވެ.

ސްކޫލް ފެންވަރުގައި މި އަހަރުތެރޭ ސްވިމިންގް އެސޯސިއޭޝަނުން ހިންގަން ރާވާފައިވާ ބައެއް ހަރަކާތްތަކަށް ބަލާއިރު، މާލޭގައި ބާއްވާ އިންޓަ ސްކޫލް ސްވިމިންގް ކޮމްޕެޓިޝަން އޭޕްރިލް މަހު ބާއްވަން ރާވާފައި ވާއިރު، އައްޑޫގައި ބާއްވާ އިންޓަ ސްކޫލް ސްވިމިންގް ކޮމްޕެޓިޝަން ބާއްވަން ރާވާފައި ވަނީ މޭ މަހުގެ ތެރޭގައެވެ.

ބައިނަލްއަގްވާމީ ގޮތުން މި އަހަރުތެރޭ ސްވިމިންގް އެސޯސިއޭޝަނުން ބައިވެރިވާން ރާވާފައިވާ ބައެއް ހަރަކާތްތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ފީނާ ޖޫނިއާ ސްވިމިންގް ވޯލްޑް ޗެންޕިއަންޝިޕާއި ކޮމަންވެލްތް ޔޫތު ގޭމްސްގައި ރާއްޖެއިން ބައިވެރިވާން ހަމަޖެހިފައިވެ އެވެ. އަދި ޖުލައި މަހާއި އޯގަސްޓު މަހުގެ ތެރޭގައި ބާއްވާ ފީނާ ވޯލްޑް ސްވިމިންގް ޗެންޕިއަންޝިޕާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައިވެސް ރާއްޖެއިން ވަނީ ބައިވެރި ވާގޮތަށް ނިންމާފައެވެ. އެ މުބާރާތްތަކުގެ ސެލެކްޝަން ޓްރައިލްތައް ބާއްވަން ހަމަޖެހިފައި ވަނީ އޭޕްރިލް، ޖޫން އަދި ޖުލައި މަހުގެ ތެރޭގަ އެވެ.

އެ މުބާރާތްތަކުގެ އިތުރުން ޝާރިފް ވިދާޅުވީ، ޔޫތު މިނިސްޓްރީގެ ފަންޑިންގް އާ އެކީ މިޙާރު ސްވިމިންގ އެސޯސިއޭޝަނުން ކުރިއަށް ގެންދާ ފްލޯޓިންގް ސްވިމިންގް ޕްލެޓްފޯމް ޕްރޮޖެކްޓް އަންނަ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށެވެ.