04 Jan 2015, 16:14
މާލޭގައި ދުއްވާ އުނޅަދުތަކަށް ޕާކުކުރަން ދެ މީޓަރުގެ ޖާގައެއް އޮންނަ މިންވަރަށް މާލޭގައި ދުއްވާ އުނޅަދުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު މިއަދު "ސަން" އަށް ވިދާޅުވީ، މިހާރު މާލޭގައި 49605 އުނޅަދު ދުއްވަމުންދާ އިރު އެ އުޅަނދުތައް ޕާކް ކުރުމަށް މިހާރު ހުރި އޭރިއާއަކީ އުޅަނދަކަށް 1.5 މީޓަރު ކަމަށާއި އެ އޮތޯރިޓީގެ ވިސްނުން ހުރީ އެ އަދަދު ދެ މީޓަރަށް ވާނެ މިންވަރަށް ބަދަލުކުރުން ކަމަށެވެ. އެގޮތުން އެ އޮތޯރިޓީ އިން މަސައްކަތް ކުރަމުންދަނީ މާލޭގައި ދުއްވޭނީ ކިހާ އުޅަނދެއްކަން ވަރަށް އަވަހަށް ކަނޑައަޅައި އެކަމަށް އަމަލު ކުރަން ފެށުން ކަމަށެވެ.
"އެގޮތަށް އުސޫލްތައް ކަނޑައެޅިމާ މާލޭގައި އަލަށް އުޅަނދެއް ރަޖިސްޓުރީ ކުރެވޭނީ ޖާގައެއް ހުސްވީމާ، ނުވަތަ އުޅަނދެއް ބާވެގެން ނައްތާލީމަ،" ނާފިޒް ވިދާޅުވި އެވެ.
ނާފިޒް ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތްތަކަކީ އެ އުސޫލްތައް ކަނޑައެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ. އުސޫލް ތަންފީޒް ކުރެވޭނެ ވަކި ދުވަހެއް ވިދާޅެއްނުވެ އެވެ.
ޕާކްކުރާނެ ތަންކޮޅެއް ނުލިބިގެން އެތައް ބަޔަކު ހާލުގައި އުޅެންޖެހޭ އިރު ނާފިޒް ވިދާޅުވީ މާލެ ރީ ޕްލޭން ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ޕާކިން ޒޯންތަކަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅޭނެ ކަމަށެވެ. އަދި މީގެ ކުރިން މާލޭގައި އިމާރާތެއް ހަދާއިރު ޕާކިން އޭރިއާއެއް ހިމަނަން އަންގާފައިވީ ނަމަވެސް އެކަމަށް އަމަލުކުރަމުން ނުދާތީ އެ އުސޫލަށް ބަދަލު ގެނެސް އެ އުސޫލް ތަންފީޒް ކުރަމުންދާ ކަމަށެވެ.
"މާލޭގައި އިމާރާތެއް ކުރާ ނަމަ ޕާކިން އޭރިއާއެއް [ގަރާޖެއް] އިންނަން ޖެހޭނެ. އެކަމަކު އެތަން ފަހުން މިފެންނަނީ ފިހާރައަކަށް ނޫނީ ކެފޭ އަކަށް ހަދާފައި ހުއްޓައި. އިމާރާތަށް ހުއްދަ ނަގާ ނަމަ ޕާކިން ހުންނަން ޖެހޭ މިހާރު އެނޫން ގޮތަކަށް ހުއްދައެއް ނުދޭނެ،" ނާފިޒް ވިދާޅުވި އެވެ.
ކާރުފަދަ ވެހިކަލްތައް ރަޖިސްޓުރީ ކުރަންޖެހެނީ ގަރާޖެއް ދެއްކުމަށް ފަހު އެގަރާޖެއް އެއީ ޕާކް ކުރާ ތަން ކަމަށް ބުނެގެން ކަމަށްވާ އިރު ގިނަ ކާރުތައް މަގުމަތީ ޕާކް ކުރާތީ އަޅާފިޔަވަޅަކީ ކޮބައިތޯ ސުވާލުކުރުމުން ނާފިޒް ވިދާޅުވީ ގަރާޖުތަކަށް ކާރުތައް ރަޖިސްޓްރީ ކޮށްފައިވީ ނަމަވެސް އެ ގަރާޖުތައް ފަހުން އެހެން ވިޔަފާރިތަކަށް ބަދަލުވުމާއި އިމާރާތައް ގެންނަ ބަދަލުތަކުގެ ސަބަބުން ކާރުތައް މަގުތަކުގައި ރަޖިސްޓްރީ ކުރަން މަޖުބޫރުވެފައިވާ ކަމަށެވެ