މި އަހަރުގެ ރަމަޟާން މަހުގެ އުމްރާއަށް ދާ މީހުންގެ އަތުން ނަގާ އަގަކީ 39965 ރުފިޔާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ބުނީ މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް ދާން ޝައުގުވެވާ ފަރާތްތަކުން ރަޖިސްޓްރީވެ ފައިސާ ދެއްކުމުގެ ފުރުސަތު މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައި ވާނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން މި އަހަރު އުމްރާ އަށް މީހުން ގެންދިއުމަށް ހަމަޖައްސާފައިވާ އަގަގީ މިދިޔަ އަހަރަށް ވުރެ ބޮޑު އަގެއް ކަން ފާހަގަކޮށްލެވެ އެވެ. މިދިޔަ އަހަރު ހައްޖު ކޯޕަރޭޝަނުން ނަގާފައިވާ އަގަކީ 34850 ރުފިޔާ އެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފިޝަލު "ސަން"އާ ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވީ މި އަހަރު 39965 ރުފިޔާ އަށް އުމްރާ އަށް ދެވުނު ކަމުގައި ވިއަސް އަގަށް އަހަރުން އަހަރަށް އަގަށް ބަދަލު އައުން އެކަށީގެންވާ ކަމަށާއި ވަކި ހާއްސަ އަގެއް އަދި ކަނޑައެޅިފައި ނުވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނުން އިތުރަށް ބުނީ އުމްރާއަށް ދިއުމަށް ޝައުގުވެރިލައްވާ ފަރާތްތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކަށް ފައިސާ ދައްކަން ޖެހޭ އެންމެ ފަހު ސުން ގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހެވެ.