އިރާގުގައި ހުންނަ ސައޫދީ އަރަބިޔާގެ އެންބަސީ ބަންދުކޮށްފައި ހުންނަތާ 25 އަހަރަށް ފަހު އެ އެންބަސީ އަލުން ހުޅުވާނެކަން ސައޫދީ ސަރުކާރުން ހާމަކޮށްފި އެވެ.

ސައޫދީ ޚާރިޖީ ވުޒާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބަޣްދާދުގައި ހުންނަ ސައޫދީ އެންބަސީ އަލުން ހުޅުވައި އެތަނުގެ މަސައްކަތް ކުރިޔަށްގެންދިޔުމަށް ސައޫދީ ސަރުކާރުން ނިންމައިފި ކަމަށާ އެންބަސީ ހުޅުވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށް ސައޫދީ ފަންނީ ވަފްދެއް މިހަފްތާގައި ބަޣްދާދަށް ޒިޔާރަތް ކުރާނެ ކަމުގައެވެ. ސައޫދީ އަރަބިޔާއާއި އިރާގުގެ ގުޅުންތައް ކަނޑާލައި ދެގައުމުންކުރެ ކޮންމެ ގައުމަކުން ވެސް ހުންނަ އަނެއް ގައުމުގައި ހުންނަ އެންބަސީ ބަންދުކޮށްފައިވަނީ 1990 ވަނަ އަހަރު އިރާގު ސިފައިން ކުވައިތަށް އަރައި ކުވައިތު ހިފުމާ ގުޅިގެންނެވެ.

އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ވެރިކަމުގައި 1990 ވަނަ އަހަރުގެ ފަހުކޮޅު އިރާގު ސިފައިން ކުއްލި ގޮތަކަށް ކުވައިތަށް އަރައި އެގައުމު ހިފުމުން ސައޫދީ އަރަބިޔާއިން އެކަން ސިފަކޮށްފައި ވަނީ ސައޫދީ ވެރިކަމުގެ ނިޒާމަށް އޮތް ބޮޑު ބިރެއްގެ ގޮތުގަ އެވެ. މިއާއެކު އިރާގު ސިފައިން ސައޫދީވެސް ހިފުމަށް ރާވަމުންދާ ކަމަށް ތުހުމަތުކޮށް ސައޫދީ ސަރުކާރުން އިރާގާ ގުޅުންތައް ކަނޑާލާފައިވަނީ 1990 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެއަށްފަހު ސައޫދީ އަރަބިޔާގެ ބައިވެރިވުމާއެކު އެމެރިކާ އިސްވެއޮވެގެން ކުރި ހަނގުރާމައިގާ އިރާގު ސިފައިން ކުވައިތުން ބޭރުކޮށް ކުވައިތު މިނިވަން ކުރިނަމަވެސް އިރާގާއި ސައޫދީ ގުޅުންތައް ރަނގަނޅު ވެފައެއްނުވެ އެވެ.

ސައްދާމް ޙުސައިންގެ ވެރިކަމަކީ ސައޫދީ އަރަބިޔާއާއި ކުވައިތުގެ އިތުރުން މުޅި ސަރަހައްދަށް ވެސް އޮތް ބިރެއްކަމަށް ދެކިގެން ސައޫދީ އަރަބިޔާވަނީ 2004 ވަނަ އަހަރު އިރާގާ ދެކޮޅަށް އެމެރިކާ ކުރި އުދުވާނީ ހަނގުރާމައަށް މަގުފަހިކޮށްދީ އެހަނގުރާމައަށް އެއްބާރުލުމާއި އެހީތެރިކަން ދީފައެވެ. އެހެންކަމުން 2004 ވަނަ އަހަރު އެމެރިކާ ސިފައިން އިރާގަށް އަރައި ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލުމާއެކު އެ އަހަރު ސައޫދީން އިރާގާއެކު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކުރި އެވެ. ނަމަވެސް އެމެރިކާ އިރާގާ ދެކޮޅަށްކުރި އުދުވާނީ ހަނގުރާމައަށްފަހު އިރާގުގައި އުފެދުނު ޝިޔައީންގެ އަޣްލަބިއްޔަތު އޮންނަ ސަރުކާރުތަކާއެކު ގާތްގުޅުން ބާއްވައި އިރާގާއެކު މުއާމަލާތް ކުރަން ސައޫދީން މަސައްކަތް ކޮށްފައެއްނުވެ އެވެ. މިގޮތުން ބަޣްދާދުގައި ހުރި ސައޫދީ އެންބަސީ އަލުން ހުޅުވުމަށް މިހާތަނަށް ސައޫދީ ސަރުކާރުން މަސައްކަތް ކޮށްފައެއްނުވެ އެވެ.

ނަމެއްގައި ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކޮށްފައި ވީނަމަވެސް އިރާގާއި ސައޫދީގެ ގުޅުންތައް އަދިވެސް އޮތީ ނުތަނަވަސް ކަމާއި އިތުބާރުނެތް ހާލަތެއްގަ އެވެ. މިގޮތުން އިރާގުގައި ހިންގަމުން ގެންދިޔަ ބޮންގޮއްވުމާއި ޓެރަރިޒަމްގެ އަމަލުތަކުގެ ފަހަތުގައިވާ ސުންނީ ހަރުކަށި ޖަމާއަތްތަކަށް އެހީތެރިވާކަމުގެ ތުހުމަތު އިރާގުން ސައޫދީ ސަރުކާރުގެ މައްޗަށް ކުރަމުން ގެންގޮސްފައިވެ އެވެ. މިތުހުމަތުތައް ނިމުމަކަށް އައިސް ދެގައުމުގެ ގުޅުންތައް ރަނގަނޅުވާން ފަށާފައި ވަނީ މިއަހަރުގެ ކުރީކޮޅު އިރާގުގެ ވެރިކަން ބަދަލުވެ އެގައުމުގެ ބޮޑުވަޒީރުކަމާ ހައިދަރުލްއައްބާދީ ޙަވާލުވެ ވަޑައިގެންނެވުމާ ގުޅިގެންނެވެ. އައްބާދީގެ ބޮޑުވަޒީރު ކަމުގައި މިދިޔަ ނޮވެމްބަރު މަހު އިރާގުގެ ރައީސް ފުއާދު މަޢްސޫމް ސައޫދީ އަރަބިޔާއަށް ވަޑައިގެން އެގައުމުގެ ރަސްގެފާނު އަބްދުﷲ އާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުންތައް ރަނގަނޅު ކުރުމަށް މަސައްކަތް ކުރައްވާފައިވެ އެވެ.
ސައޫދީ ޚާރިޖީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބަޣްދާދުގައި ހުންނަ ސައޫދީ ވަރަށް އަވަހަށް ހުޅުވައި ދެގައުމުގެ ގުޅުންތައް އާދައިގެ ޙާލަތަކަސް ގެންނާނެ ކަމުގައެވެ. އެންބަސީ ހުޅުވުމަށް ބޭނުންވާ ތައްޔާރީތައް ވުމަށްޓަކައި ސައޫދީ ޑިޕްލޮމޭޓުންނާއި ތަޖްރިބާކާރުންގެ ވަފްދެއް މިހަފްތާގައި ބަޣްދާދަށް ފޮނުވާނެކަމަށްވެސް މިބަޔާން ބުނެއެވެ. އިރާގު ސަރުކާރުންވަނީ ސައޫދީ އަރަބިޔާގެ މިފިޔަވަޅަށް މަރްޙަބާ ކިޔާފައެވެ. (އަލްޖަޒީރާ)