މިދިޔަ ޑިސެމްބަރު މަހު މާލޭން ފެން ކެނޑުނު ހާދިސާއަކީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ގާތްކަން އުފެދުނު ހާދިސާއެއް ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވާން ފޫކާން ވިދާޅުވެއްޖެ އެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ހައިސިއްޔަތުން ކުރެއްވުނު މަސައްކަތްޕުޅުތަކާއި ދެ ގައުމުގެ ދެމެދު ފާއިތުވި 2014 ވަނަ އަހަރު ހިނގައި ދިޔަ ކަންތައްތަކާ ބެހޭ ގޮތުން ފޫކާން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ހާދިސާއާ ގުޅިގެން ކުރި މަސައްކަތަކީ ރާއްޖެއާ އެކު ޗައިނާ އޮތްކަން ދުނިޔެއަށް ދައްކައިދިން ކަމެއް ކަމަށެވެ.

"...މިހުރިހާ މަސައްކަތަކާ އެކު ޗައިނާ މީހުން އަނެއްކާ ވެސް ދުނިޔެއަށް ދައްކައިދިނީ ދަތިހާލާއި ފަސޭހަ ހާލުގައި ވެސް ދިވެހި ރައްޔިތުންނާ އެކު ތިބޭނެ ކަމެވެ،" ފޫކާން ވިދާޅުވެފައިވެ އެވެ.

ބަޔާނުގައި އޭނާ އަދި ވިދާޅުވެފައި ވަނީ ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ ގިނަ ކަންތައްތަކެއް ފާއިތުވި އަހަރު ކުރެވިފައިވާ ކަމަށެވެ. އަދި އެގޮތުން ކުރި މަސައްކަތުން ގުޅުން އިތުރަށް ވަރުގަދަވެ، ފުޅާވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ދެ ސަރުކާރުގެ ދެމެދުގައި ކުރެވުނު މައިގަނޑު މުއާމަލާތްތައް ވެސް ބަޔާނުގައި ފާހަގަ ކުރައްވާފައިވެ އެވެ. އެގޮތުން ދެ ގައުމު ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ފޫކާން ފާހަގަ ކުރައްވާފައިވެ އެވެ.

ޑިސެމްބަރު މަހު އެމްޑަބްލިއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި މާލޭން ފެނުގެ ޚިދުމަތް ކެނޑުނެވެ. އެ ހާދިސާއާއި ގުޅިގެން މާލެ އަށް ފެން ފޯރުކޮށްދިނުމަށް ޗައިނާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ފޮނުވި އެވެ. އެ މަނަވަރު މާލޭގައި ބަނދަރުކުރި ފުރަތަމަ ދުވަހު އެކަނި ވެސް މާލެއަށް 630 ޓަނުގެ ފެން ފޯރުކޮށްދީފައިވެ އެވެ. އަދި ދުވާލަކު 90 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ހުރި އެ މަނަވަރުން ވަނީ، އޭގެ ފަހުން 60 ޓަނަށް ވުރެ ގިނަ ފެން ކޮންމެ ދުވަހަކު މާލެއަށް ފޯރުކޮށްދީފަ އެވެ. އަދި ފުޅީގައި ބަންދުކޮށްފައިވާ ބޯފެން ވެސް ޗައިނާއިން ފޯރުކޮށްދިނެވެ.