04 Jan 2015, 15:26
އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުން އަންނަ ސައިދިއްޔާ ޕްރީ ސްކޫލް ތަރައްގީ ކުރުމަށް 150،000 ރުފިޔާގެ ފައިސާގެ އެހީއެއް އައްޑޫ ސިޓީ ކައުންސިލުން ދީފި އެވެ.
"ސަން" އާ މިއަދު ވާހަކަފުޅު ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ސައީދިއްޔަ ޕްރީ ސްކޫލު ތަރައްގީ ކުރުމަށް ފައިސާގެ އެހީއެއް ދިނީ އެ ސުކޫލުގެ މެނޭޖުމަންޓުގެ އެދުމުގެ މަތިން ކަމަށެވެ.
ސައީދިއްޔަ ޕްރީ ސްކޫލަށް އައްޑޫ ސިޓީ ކައުންސިލުން ދިން ފައިސާގެ އެހީއާ ހަވާލުވީ އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މުހައްމަދެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ފައިސާ ހަވާލުކޮށް ދެއްވީ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އެވެ.
ސައީދިއްޔަ ޕްރީ ސްކޫލުގެ ޕްރިންސިޕަލް އަލީ މުހައްމަދު "ސަން" އާ ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވީ އެ ސްކޫލަކީ ވަރަށް ޒަމާން ވެފައިވާ ސްކޫލެއް ކަމަށާއި އެހެންކަމުން މިހާރު އެ ސްކޫލު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސްކޫލު ތަރައްގީ ކުރުމަށް ޓަކައި ހަތަރު ފޭހަކަށް ބަހާލައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އަލީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މުޅި ޖުމުލަ 500،000 ރުފިޔާ ވަރު އެބަ ބޭނުންވޭ ސްކޫލްގެ ތަރައްގީގެ މަސައްކަތްތަކަށް. ދެން އައްޑޫ ސިޓީ ކައުންސިލުން އަޅުގަނޑުމެންނަށް މިދެއްވީ ވަރަށް ބޮޑު އެހީއެއް. މި އެހީގެ ސަބަބުން އަޅުގަނޑުމެންނަށް ސްކޫލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށައިގަނެވޭނެ." އަލީ ވިދާޅުވި އެވެ.
ސައީދިއްޔަ ޕްރީ ސްކޫލަށް އައްޑޫ ސިޓީ ކައުންސިލުން ދެއްވި އެހީއަށް ސްކޫލްގެ ދޮރުތަކާއި ދޮރުފަތްތަކުގެ އާބާތުރަ ފިލުވުމާއި ސްކޫލްގެ ސީލިންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އަލީ ވިދާޅުވި އެވެ. އަލީ ވިދާޅުވީ މެނޭޖުމަންޓުން ބޭނުން ވަނީ ސައީދިއްޔަ ޕްރީ ސްކޫލަކީ ޒަމާނީ ގޮތަކަށް ތަރައްގީ ކުރެވިފައިވާ ތަނަކަށް ހެދުން ކަމަށެވެ.
ސައިދިއްޔާ ޕްރީ ސުކޫލަކީ 19 އަހަރު ވެފައިވާ ސްކޫލެކެވެ.