04 Jan 2015, 15:19
ވިދިވިދިގެން ދެ އަހަރު ވަންދެން އަހަރީ ރިޕޯޓާއި މާލީ ބަޔާން ހުށަހަޅަން ޖަމިއްޔާތަކަށް އިތުރު ދެ ދުވަސް ހޯމް މިނިސްޓްރީ އިން މިއަދު ދީފި އެވެ.
ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއް ސަމަދު "ސަން" އާ ވާހަކަފުޅު ދައްކަވަމުން މިއަދު ވިދާޅުވީ މާލީ ބަޔާނާއި ޖަމިއްޔާތަކުގެ އަހަރީ ރިޕޯޓު ހުށަހެޅުމަށް އިތުރު ދެ ފުރުސަތު ދީފައި ވަނީ އަހަރުގެ ފަހު ދުވަސްތަކުގައި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމަށް ދަތިތަކެއް ބައެއް ފަރާތްތަކަށް ކުރުމަތިވަމުން ދާތީ ކަމަށެވެ. އެހެންކަމުން މިއަދާއި މާދަމާ ތަކެތި ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ.
"މިހާރު އެނގިވަޑައިގަންނަވާނެ އަހަރު ނިމޭ ދުވަހަކީ ބަންދު ދުވަހެއް. އަހަރުގެ ފަހުކޮޅު ފައިސާ ޖަމާކުރަން ދަތިވޭ. އެހެންވެ ރަޖިސްޓްރާ ނިންމެވީ އިތުރު ދެ ދުވަސް ޖަމިއްޔާތަކަށް ދޭން. ދެން ނުގަވާއިދުގެ ތެރޭގައި ހުރި ފަރާތްތައް ގަވާއިދަށް ވަނުމަށް ވެސް މި ފުރުސަތު ބޭނުން ކުރެވޭނެ." ތަޒްމީލް ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީ އިން އެންމެ ފަހުން މީގެ ފުރުސަތެއް ޖަމިއްޔާތަކަށް ދީފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ.
ހޯމް މިނިސްޓްރީ އިން މީގެ ކުރިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އަހަރީ ރިޕޯޓާއި ހިންގާ ކޮމިޓީ ހުށަހެޅުން ހުށަހަޅަން ވާނީ 1500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށެވެ. އަދި ހަމައެއާ އެކު އެ މުއްދަތުގެ ތެރޭގައި ހިންގާ ކޮމިޓީ އާއި އަހަރީ ރިޕޯޓް ހުށަނާޅާ ޖަމިއްޔާތައް، ޖަމިއްޔާތަކުގެ ދަފުތަރުން އުނިކުރެވޭނެ ކަމަށާއި މިފުރުސަތުގެ ބޭނުން ނުހިފާ ޖަމިއްޔާތަކަށް އަލުން ފުރުސަތު ނުދޭނެ ކަމަށް ވެސް އެ ހޯމް މިނިސްޓްރީ އިން ކުރިން ކުރެއްވި އިއުލާނުގައި ވަނީ ބުނެފަ އެވެ.