04 Jan 2015, 15:17
ގަލަމް އިންޓަނޭޝަނަލް ޕްރީސްކޫލްގެ ނަމުގައި ވިލިމާލޭ ޕްރީ ސްކޫލް ހިންގަމުން ދަނިކޮށް، އެތަނުގެ ރަޖިސްޓްރީ ބާތިލްކޮށް އެޑިއުއޮޕްޝަންސް ޕްރައިވެޓް ލިމިޓެޑުގެ އަތުން އެތަން އަތުލާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ހައިކޯޓަށް ހުށަހެޅި މައްސަލަ މިހާރު އެ ކޯޓުން ބަލައިގެންފައިވާ ކަމަށެވެ.
ސިވިލް ކޯޓުން މިދިޔަ ހޮނިހިރު ދުވަހު ކުރި ހުކުމްގައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ގަލަމް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ރަޖިސްޓްރީ ބާތިލް ކުރި ކުރުމަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ހާލަތެއް މެދުވެރިވެގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
އެހެންކަމުން މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު ސޮއިކޮށްފައިވާ އެގްރީމެންޓުގެ ދަށުން ގަލަމް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ހިންގަމުންދަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން އެތަނުގެ ރަޖިސްޓްރީ ބާތިލް ކުރި ކުރުން ސައްޚަ ނޫން ކަމަށް އެ ހުކުމްގައިވެ އެވެ. އެޑިއުއޮޕްޝަންސް ޕްރައިވެޓް ލިމިޓެޑާއެކު ޕްރީ ސްކޫލް ހިންގަން ވެފައިވާ އެއްބަސްވުން ބާތިލްކުރި ކުރުން ސައްޚަ ނޫން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
ގަލަމް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ނަމުގައި ވިލިމާލޭ ޕްރީ ސްކޫލް ހިންގުމަށް އެޑިއުއޮޕްޝަންސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަކީ ބާތިލްނުވެ ހިނގަމުންދާ އެއްޗެއް ކަމުގައި ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.