ޑިފެންސް މިނިސްޓުރީ ހިންގެވުން ވަގުތީގޮތުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާ ހަވާލުކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު 'ސަން' އަށް ވިދާޅުވީ ޑިފެންސް މިނިސްޓުރީ ހިންގެވުން ޓޫރިޒަމް މިނިސްޓަރު އަދީބާ ހަވާލުކުރެއްވީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާތީ ކަމަށެވެ.

މިނިސްޓަރު ނާޒިމް އެނބުރި މަގާމާއި ހަވާލު ވަޑައިގަންނަވާނީ ކޮން ދުވަހަކުންތޯ ދެންނެވުމުން މުއާޒު ވިދާޅުވީ އެއީ މިނިސްޓަރުގެ އަމިއްލަ ދަތުރުފުޅަކަށްވުމުން އެކަން ހާމަ ކުރެވެން ނެތް ކަމަށެވެ.

ޑިފެންސް މިނިސްޓަރު ނާޒިމް އަކީ ޑިފެންސް މިނިސްޓުރީގެ އިތުރުން ހެލްތް މިނިސްޓުރީ ވެސް ހިންގެވުމާއި ހަވާލުވަޑައިގެން ހުންނެވި ބޭފުޅާއެވެ.

އޭވިއޭޝަން ސެކިއުރިޓީގެ އިތުރުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ވެސް ހިންގަމުންދަނީ ޑިފެންސް މިނިސްޓްރީގެ ދަށުންނެވެ.

ޑިފެންސް މިނިސްޓަރު ރަށުގައި ނޫޅުއްވާ ދުވަސްވަރު އެމިނިސްޓުރީ ހިންގެވުން މިނިސްޓަރު އަދީބާ ހަވާލު ކުރައްވާފައިވާއިރު އެއް މިނިސްޓަރަކު ރަށުން ބޭރަށް ވަޑައިގަންނަވާއިރު އެ މިނިސްޓުރީއެއް އެހެން މިނިސްޓަރަކާ ހަވާލު ކުރެއްވުމަކީ ސަރުކާރުގެ ޕޮލިސީގެ ތެރެއިން އާންމުކޮށް ހިނގަމުންދާ ކަމެކެވެ.