ޕްރީ ސްކޫލްތައް ތަރައްގީކުރުމަށް ތައުލީމީ ފަންޑުން މިއަހަރުވެސް އެއް މިލިއަން ރުފިޔާ ހޭދަކުރަން ނިންމައި އެކަމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު މުހައްމަދު ވަހީދު އަލީ މިއަދު 'ސަން'އަށް ވިދާޅުވީ، އަމިއްލަ ފަރާތްތަކާއި ރައްޔިތުން ހިއްސާވެގެން ހިންގާ ޕްރީ ސުކޫލްތައް ތަރައްގީކުރުމަށް ތައުލީމީ ފަންޑުން މިއަހަރުވެސް އެއް މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން އެހީއަށް އެދެން ބޭނުންވާ ޕްރީ ސުކޫލްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"ލިބޭ ޕްރޮޕޯސަލްތަކަށް ބަލައި ނިންމާނީ. އަލަށް ސްކޫލެއް ހަދަންވިޔަސް މަރާމާތައްވެސް އެހީވާނެ. ގިނައިން މިއެދެނީ ފަރުނީޗަރު ފަދަ ތަކެއްޗަށް،" ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިނިސްޓްރީގެ އަމާޒަކީ މަދުވެގެން 10 ޕްރީ ސްކޫލަކަށް އެފަންޑުން މިއަހަރުވެސް އެހީވުން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ހުޅުވާލާފައިވަނީ އެކަމަށް އެދޭ ޕްރީސްކޫލްތަކުން ހުށަހަޅަންޖެހޭ ފޯމާއި ލިޔުންތައް، މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށެވެ.

ތައުލީމީ ފަންޑުން ވަނީ 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޕްރީ ސުކޫލްތަކަށް އެހީވުމަށް އެއް މިލިއަން ރުފިޔާގެ ފަންޑެއްގެ ދަށުން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.