04 Jan 2015, 13:35
މިދިޔަ ސީޒަންގައި ދިވެހި ލީގުގެ ތިންވަނަ ހޯދި ކްލަބް އީގަލްސްއަށް، މިމަހު ބާއްވަން ހަމަޖެހިފައިވާ ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކަރ ކަޕް (ޕޮމިސް) ކަޕްގައި ބައިވެރި ނުވެވޭ ގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.
އެފްއޭއެމުން މިއަދު ބުނީ، އެ ގޮތަށް އެ ނިންމުން ނިންމަން ޖެހުނީ އެ މުބާރާތުގައި ބައިވެރިވާ ބޭރުގެ ޓީމްތައް ރާއްޖޭގައި މަޑުކުރާނީ އެންމެ ހަފްތާއަކަށް ކަމަށް ވުމުން ފަސް ޓީމާއެކު އެ މުބާރާތް ކުރިއަށް ގެންދަން ވަގުތު ތަން ނުދޭތީ ކަމަށެވެ.
މީގެ ކުރިން އެފްއޭއެމުން ނިންމީ އެ މުބާރާތުގައި ވާދަކުރާ ބޭރުގެ ދެ ޓީމާއެކު ރާއްޖޭގެ މިދިޔަ ސީޒަންގެ ގަދަ ތިން ޓީމް ކަމަށްވާ ނިއުރޭޑިއެންޓާއި މަޒިޔާ އަދި އީގަލްސްއަށްވެސް ވާދަކުރެވޭ ގޮތަށެވެ. ނަމަވެސް މިހާރު އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހަމައެކަނި ނިއު އާއި މާޒިޔާގެ އިތުރުން ބޭރުގެ ދެ ޓީމް އެ މުބާރާތުގައި ވާދަކުރާ ގޮތަށެވެ.
އެފްއޭއެމުން ބުނީ މި އަހަރު މުޅިއެކު ހަތަރު ޓީމާއެކު އެ މުބާރާތް ކުރިއަށް ގެންދާގޮތަށް މިހާރު ހަމަޖައްސާފައި ވީނަމަވެސް، އަންނަ އަހަރު އެ މުބާރާތުގައި ރާއްޖޭގެ ގަދަ ހަތަރު ޓީމުގެ އިތުރުން ބޭރުގެ ދެ ޓީމާއެކު މުޅިއެކު ހަ ޓީމް ވާދަކުރާނެ ކަމަށެވެ.
މީގެ ކުރިން ޖެނުއަރީ ފަހުކޮޅު އެ މުބާރާތް ބާއްވަން ތާވަލްކުރި ނަމަވެސް، އެފްއޭއެމުން މިހާރު ވަނީ އެ މުބާރާތް ބާއްވާ ތާރިޚު އަވަސް ކޮށްފަ އެވެ. ކުރިން އެފްއޭއެމުން މިމަހުގެ 31 ވަނަ ދުވަހު އެ މުބާރާތް ފަށަން ތާވަލް ކުރި ނަމަވެސް، މިޙާރު އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުން 28 ވަނަ ދުވަހާ ހަމައަށެވެ.
ޕޮމިސް ކަޕްގައި ބައިވެރި ވުމުގެ ދައުވަތު ބޭރުގެ ގިނަ ކްލަބުތަކަކަށް ދީފައި ވާއިރު، އެފްއޭއެމުން އިއްޔެ ބުނީ އަދި އެއްވެސް ކްލަބަކުން ރަސްމީކޮށް އެ ދައުވަތު ގަބޫލުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުން އަންނަ މެލޭޝިއާގެ ކްލަބް ޕީޑީއާރްއެމުން އެ މުބާރާތުގައި ބައިވެރި ވާނެ ކަމަށް ދަގަނޑޭ މިދިޔަ ހަފްތާގައި ބުނެފައިވެ އެވެ. އެ މުބާރާތުގައި ބައިވެރިވާ ދެވަނަ ޓީމެއްގެ ގޮތުގައި ސިންގަޕޫރުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމް ހަމަޖެހިފައި ވާކަމަށްވެސް ހަބަރުތައް ވަނީ ފެތުރިފައެވެ.
އެފްއޭއެމުން މިފަހަރު ޕޮމިސް ކަޕްގައި ބައިވެރިވުމަށް ދައުވަތު ދިން ޓީމްތަކުގެ ތެރޭގައި މެލޭޝިއާ އާއި ސިންގަޕޫރުގެ ޓީމްތަކުގެ އިތުރުން ބަހުރެއިނާއި ކުވެތުގެ ޓީމްތައްވެސް ހިމެނެ އެވެ. އެންމެ ފަހުން 2003 ވަނަ އަހަރު ބޭއްވި ޕޮމިސް ކަޕް، 11 އަހަރަށްފަހު އަނެއްކާވެސް މިއަހަރު އެފްއޭއެމުން ބާއްވަން ނިންމާފައި ވާއިރު، އެ މުބާރާތް މީގެ ކުރިން މެދުކަނޑާލާފައި ވަނީ އެކަށީގެންވާ ފެންވަރުގެ ބިދޭސީ ޓީމްތައް ބައިވެރި ނުވާތީއެވެ.