04 Jan 2015, 13:17
ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި އުފެއްދުމަށް ސަރުކާރުން ކުރާ ކަންކަމާ ބެހޭގޮތުން މުސްލިމް ވޯލްޑް ލީގްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ޑރ. ޢާދިލް ބިން ޢަލީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ބައްދަލު ކުރައްވައި މަޝްވަރާކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލު ކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ ރާއްޖޭގައި އިސްލާމްދީން ކުރިއަރުވައި، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބި އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކުގެ މައްޗަށް މަޝްވަރާކުރައްވާފަ އެވެ.
މިއަދުގެ ބައްދަލު ކުރެއްވުމުގައި، މުސްލިމް ވޯލްޑް ލީގްގެ ފަރާތުން އެކި ޤައުމުތަކުގައި ކުރަމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު އެ ޖަމިއްޔާގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ރައީސް ޔާމީނަށް އެރުވި އެވެ. މިގޮތުން، އިސްލާމީ ތަޢުލީމާއި، ޤުރުއާނުގެ ޢިލްމާއި، ކީރިތި ރަސޫލާގެ ސީރަތުގެ ދާއިރާތަކުން މުސްލިމް ވޯލްޑް ލީގުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. އަދި، އެ ޖަމިއްޔާގެ ފަރާތުން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ބެހޭ މައުލޫމާތު ޑރ. ޢާދިލް ބިން ޢަލީ އޮޅުންފިލުއްވި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.