04 Jan 2015, 12:29
މީގެ ކުޑަ ދުވަސްކޮޅެއް ކުރިއަށް ޖެހިލާއިރު ސްރީލަންކާގެ ރިޔާސީ އިންތިހާބު ފެންނަން އޮތީ ހަމަ އެކަނި ފުރިހަމަ ކޮށްލަން ޖެހޭ ރަސްމެއްގެ ގޮތުގަ އެވެ. އެ އިންތިހާބު އެބޭފުޅަކަށް ޓަކައި ބޭއްވޭ އެގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސާއާއި އޭނާ މިހާރު ހުންނެވި މަގާމާ ދެމެދު ހުރަހެއް އޮތް ކަމަކަށް އޭރު ނުފެނެ އެވެ.
ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ތަމަޅައިން 2009 ވަނަ އަހަރު ބަލި ކުރެއްވި ފަހުން ސިންގަޅައިން ރާޖަ ޕަކްސާ ސިފަކުރަނީ ރަސްކަލެއްގެ ގޮތުގަ އެވެ. ކެމްޕޭނެ ކުރާނެ ވަސީލަތްތައް އޭނާ އަށް ބޭނުންވެވަޑައިގަންނަވާ މިންވަރަކަށް ލިބިވަޑައިގެންވެ އެވެ. ސިޔާސީ ގޮތުން ނުފޫޒު ގަދަ އަޚުއްނާއި ދަރިދަރިކަލުންނާއި ބޮޑު ބޭބެ ވިދާޅުވާ ބޭފުޅުންނާ އެކު ސްރީލަންކާ ސަރުކާރަކީ އާއިލީ ވިޔަފާރިއަކަށް އޭނާ ވަނީ ހައްދަވާފަ އެވެ.
ނަމަވެސް މިހާރު ހާލަތު ބަދަލުވެއްޖެ އެވެ.
ސަރުކާރުގެ އެތެރެއިން އުފެދުނު ދެކޮޅުވެރިކަމެއްގެ ސަބަބުން ރާޖަޕަކްސާގެ މަގާމު ވަނީ ނުރައްކަލަށް ހުށަހެޅިފަ އެވެ. ހެލްތު މިނިސްޓަރަކަށް ހުންނެވި މައިތިރި ޕާލާ ސިރިސޭނާ މަގާމުން އިސްތިއުފާ ދެއްވައި ރާޖަޕަކްސާއާ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވުމުންނެވެ. ވެރިކަން ކުރާ ފްރީޑަމް ޕާޓީގެ ދެވަނަ އަށް އެންމެ އިސް ލީޑަރުގެ ގޮތުގައި ހުންނެވި ސިރިސޭނާ އެކަން އިއުލާން ކުރެއްވީ ފާއިތުވި ނޮވެމްބަރު މަހު ވަރަށް ސިއްރުން އިންތިޒާމް ކުރެއްވި ނިއުސް ކޮންފަރެންސެއްގަ އެވެ.
އިސްތިއުފާ ދެއްވުމަށް ފަހު ސިރިސޭނާ ވިދާޅުވެފައި ވަނީ "ސަރުކާރު އޮތީ މާބޮޑަށް ތަޣައްޔަރު ވެފައި" ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ "ޚިޔާނާތް އޮތީ ވަބާއަކަށް ވެފައި" ކަމަށެވެ.
"... ގައުމުގެ މުއްސަނދިކަމާއި އިގުތިސާދާއި މުއްސަނދިކަމާއި ހިންގުމާއި ސިޔާސީ ޕާޓީ ހިންގުން ވަނީ އެއް އާއިލާއަކުން އަތުލާފައި،" ކެމްޕޭން އެއްވުންތަކުގައި ސިރިސޭނާ ވިދާޅުވެފައިވެ އެވެ. އޭނާ ވިދާޅުވެފައި ވަނީ ހަނގުރާމަ ނިންމަވާލެއްވުމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި ތާއީދުގެ ބޮޑުކަމުން ރަސްކަލަކަށް ވެވަޑައިގެންނެވޭނެ ކަމަށް ރާޖަޕަކްސާ ހީކުރެއްވި ކަމަށެވެ.

ރިޔާސީ އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ފުރިހަމަ ދެ އަހަރު ކުރިއަށް އޮއްވައި އިންތިހާބެއް ބާއްވަން ރާޖަ ޕަކްސާ އިއުލާން ކުރެއްވީ އަމިއްލަ ނަފުސަށް ލިބިވަޑައިގެން އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. ޓައިގަރުން ބަލި ކުރި ހަނދާންތައް މީހުންގެ ހިތްތަކުން ފަނޑު ނުވަނީސް ހަ އަހަރުގެ ރިޔާސީ ދައުރެއް ކަށަވަރު ކުރެއްވުމަށެވެ. ނަމަވެސް އަލުން ރިޔާސީ ދައުރަކަށް ކުރިމަތި ލެއްވުމަށް އާއްމުންގެ ކުރިމަތީގައި (ކުރިން) ގޮވައިލެއްވި ސިރިސޭނާ އޭނާ އަށް ދެކޮޅަށް ނުކުމެވަޑައި ގެންނެވުން ވީ ރާޖަޕަކްސާއަށް ލިބިވަޑައިގެންނެވި ބޮޑު ހައިރާން ކަމަކަށެވެ.
ރޫހު ގެއްލިފައި ތިބި ސްރީލަންކާގެ އިދިކޮޅު ސިޔާސީ މީހުންނަށް ސިޔާސީ ގޮތުން ދިރުމެއް ލިބުނީ ސިރިސޭނާގެ އެ ހަރަކާތުގެ ސަބަބުންނެވެ.
އެއްޕާޓީން އަނެއް ޕާޓީއަށް މީހުން ދުވެ ދުވެ ތިބުމަކީ ސްރީލަންކާގެ ސިޔާސީ މަޝްރަހުގައި އާ ކަމެއް ނޫނެވެ. ނަމަވެސް މިނިސްޓަރުންނާއި ޕާލަމެންޓް މެމްބަރުން ހިމެނޭ ގޮތުން 21 ބޭފުޅުން އިދިކޮޅު މީހުންނާ ގުޅުމަކީ އެއާދައާ ހިލާފުވާ މިންވަރެކެވެ. އިދިކޮޅު ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ތާއީދު ސިރިސޭނާ އަށް ވަނީ ލިބިވަޑައިގެންފަ އެވެ. ބައިމަދު ނަސްލުތަކުގެ މީހުން ތަމްސީލު ކުރާ މައިގަނޑު ޕާޓީތަކުގެ ތާއީދު ވެސްމެ އެވެ. އަދި އޭގެ އިތުރުން ނުފޫޒު ގަދަ ބައެއް ހާމުދުރުންނާއި ޕްރޮފެޝަނަލް ބައެއް ގްރޫޕްތައް ވެސް މިހާރު ތިބީ ސިރިސޭނާގެ ފަހަތުގަ އެވެ. ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް ހިންގި ކަންތައްތައް ހުއްޓުވަން މަސައްކަތް ނުކުރައްވާ ކަމުގެ ތުހުމަތު ރާޖަޕަކްސާއާ ދެކޮޅަށް ކުރުމަށް ފަހު މުސްލިމް ޕާޓީތައް ވެސް ގުޅުނީ ސިރިސޭނާ އަށެވެ.
މިހުރިހާ ކަމެއް ވެފައި ވަނީ 2005 ވަނަ އަހަރަށް ފަހު ރާޖަ ޕަކްސާއަށް ކުރިމަތިވެވަޑައިގެންނެވި އިންތިހާބީ އެންމެ ބޮޑު ގޮންޖެހުމަށެވެ. ނަމަވެސް އެ ހުރިހާ ކަމަކާ އެކުގައި ވެސް އޭނާ އަށް ބޮޑެތި ފުރުސަތުތައް ފަހިވެފައި އެބަހުއްޓެވެ.
އެއް ކަމަކީ ސްރީލަންކާގެ 21 މިލިޔަން މީހުންގެ އާބާދީގެ 70 ޕަސެންޓް ކަމުގައިވާ ސިންގަޅައިންގެ އާއްމުންގެ ބޮޑު ތާއީދެއް އޭނާ އަށް އޮތުމެވެ. އަނެއް ކަމަކީ މީޑިއާގެ ކޮންޓްރޯލް ރާޖަޕަކްސާގެ އަތްޕުޅުގައި އޮތުމެވެ. އިގުތިސާދީ ގޮތުން ލަންކާއަށް ލިބެމުން އަންނަ ކުރިއެރުމަކީ ވެސް އިންތިހާބު ކާމިޔާބު ކުރެއްވުމަށް އޭނާއަށް ލިބިވަޑައިގެންފައިވާ ވަސީލަތެކެވެ.
"ރައީސް މިހާރު އެ ހުންނެވީ ކުރިން ހުންނެވި ހިސާބުގައި ކަމަށް ނުވެދާނެ، އެކަމަކު ނުއެއް ވެއްޓޭ. އޭނާއަކީ ދެފަހަރު އިންތިހާބު ކާމިޔާބު ކުރައްވާފައި ހުންނެވި ބޭފުޅެއް އަދި ވަރުގަދަ ހަނގުރާމަވެރިއެއް،" ނެޝަނަލް ޕީސް ކައުންސިލްގެ ސިޔާސީ މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ ޖީހާން ޕެރޭރާ ވިދާޅުވި އެވެ.
ރާޖަ ޕަކްސާ ވިދާޅުވަނީ ރައީސްކަމުގެ މަގާމާ މެދު ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.
"އަހަރެން ކަންބޮޑެއް ނުވޭ. ނުވަ ވަނަ ދުވަހުގެ ފަހުން ވެސް އަހަރެން ހުންނާނީ ރައީސް ކަމުގައި،" ކެމްޕޭންތަކުގައި ރާޖަޕަކްސާ ތަކުރާރުރުކޮށް ވިދާޅުވެ އެވެ. ( އޭޕީ)