04 Jan 2015, 12:27
ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މުސާ މަނިކު އެމްޑީޕީ އިން ވަކި ކުރި މައްސަލަ އެޕާޓީގެ އިސްތިއުނާފު ކޮމިޓީ އަށް ހުށަހަޅައިފި އެވެ.
"ސަން"އާ ވާހަކަފުޅު ދައްކަވަމުން މޫސަ މިއަދު ވިދާޅުވީ އެމްޑީޕީ އިން އޭނާ ވަކިކުރަން ނިންމި ނިންމުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. ހަމަ އެއާ އެކު އެމްޑީޕީގެ ކަންކަމުގައި ފަހު ބަސް ބުނާ ތަނަކަށް އޮންނާނީ އިސްތިއުނާފު ކޮމިޓީ ކަމަށާއި އެހެންކަމުން މޫސަ ޕާޓީ އިން ވަކި ކުރި މައްސަަލަ އިސްތިއުނާފު ކުރަން ހުށަހަޅައިފަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެމްޑީޕީ އިން މޫސަ ވަކިކުރަން އެ ޕާޓީ އިން ނިންމި އިރު ރައްޔިތުންގެ މަޖިލީހުގައި މޫސަ ތަމްސީލް ކުރަމުންދާ އެމްޑީޕީ އިން ވަކިވިކަމެއް އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީ އިން ހުށަހަޅައިފަ ނުވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"މިހާރު އެމްޑީޕީ އިން އަޅުގަނޑުވަކި ކުރި މައްސަލަ އަކީ އަޅުގަނޑު ބަލައި ގަންނަ ކަމެއް ނޫން. އެހެންނޫނަށް އެމްޑީޕީ އިން ވަކިކޮށްފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަކަށް ނެތް ހުށަހަޅައިފައެއް ވެސް." މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ އެމްޑީޕީ އަށް ދެރައެއް ލިބެން އޭނާ ބޭނުން ނުވާ ކަމަށާއި އަދި އެންމެ މީހަކު "އެމްޑީޕީ ހައިޖެކް ކޮށްގެން" ގެންގުޅޭތަން ބަލަން ބޭނުންނުވާ ކަމަށެވެ.
އެމްޑީޕީ އިން ވަކިކުރި މައްސަލަ އެމްޑީޕީގެ އިސްތިއުނާފު ކޮމިޓީ އަށް މޫސަ ހުށަހަޅާފައިވާ އިރު މޫސާ އެމްޑީޕީގެ މެމްބަރުކަމުން ވަކިކުރި މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް އޭނާ ވަނީ ހުށަހަޅުއްވާފައި އެވެ. މޫސަ އޭރު ވިދާޅުވީ އެބޭފުޅާ ޕާޓީ އިން ވަކިކުރި މައްސަލަ އަށް ދެން ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ. މޫސަ ވަނީ އޭނާ ޕާޓީ އިން ވަކިކުރި މައްސަލަ ބަލައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަންގައި އެދިފައި އެވެ.
އެމްޑީޕީގެ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވި ކަމަށް ބުނެ، ރައްޔިތުންގެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަންވެސް ކުރައްވާފައިވާ ރީކޯ މޫސާ މަނިކު އެމްޑީޕީގެ މެމްބަރު ކަމުން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ އިން ނިންމާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެވެ.
ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރު އަދި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މޫސާ މަނިކު ވަކިކުރަން ނިންމީ ޕާޓީގެ ޕީޖީ ގްރޫޕުން ނެރެފައިވާ ތްރީލައިން ވިޕްތަކާ ތަކުރަރާރުކޮށް އޭނާ ހިލާފުވެފައިވާތީ ކަމަށެވެ. އަދި އޭގެ އިތުރުން ފިޔަވަޅު އަޅާ ކޮމިޓީ އިން އެ މައްސަލަ ބަލަމުން ދިޔަ އިރު އެ ކޮމިޓީ އަށް އެއްވެސް ވަރަކަށް މޫސަ އެއްބާރުލުން ނުދެއްވުމަކީ ވެސް އޭނާ ވަކި ކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ޕާޓީން ވަކިކޮށްފައިވާ މޫސަ އަލުން ޕާޓީއާ ގުޅެން ބޭނުންވެއްޖެ ނަމަ އެކަން ކުރެވޭނީ އޭނާއާ އެކު އިތުރު 50 މެމްބަރުންގެ ސޮއާއެކު މެމްބާޝިޕް ފޯމް ހުށަހެޅުމުންނެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށާއި ޕާޓީއަށް އަލުން ގުޅިވަޑައިގަންނަވާ ތާރީހުން ފެށިގެން ފަސް އަހަރު މުއްދަތުގެ ތެރޭގައި ޕާޓީގެ އެއްވެސް މަގާމަކަށް ވާދަ ނުކުރެވޭނެ ކަމަށް ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވެ އެވެ.